މިއަދު ކުއްލި ގޮތަކަށް ނިޔާވި އުމުރުން 13 އަހަރުގެ، ހުރަވީ ސްކޫލްގެ އަންހެން ދަރިވަރު، ފާތިމަތު ޝިމާ މުހައްމަދުގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ފާތިމަތު ޝިމާ މުހައްމަދު، ސްކޫލުގައި ތައުލީމު ހާސިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ހަބަރު އެއްސެވީ ފުން އަސަރާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، އެ ދަރިވަރުގެ ބެލެނިވެރީންނަށާއި އާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އެ މަޢުސޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަހުމަތާއި ނިއުމަތުގައި ލެއްވުން އެދިވަޑައިގެން ވަނީ ދުއާކުރައްވާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްވެސް ވަނީ މަރްޙޫމާ ފާތިމަތު ޝިމާ މުހައްމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.