އެމެރިކާގެ ޒުވާނެއް ކަމަށްވާ ޑީވިޓް ވެލަސް (DeWitt Wallace) މަހަކު އެއް ފަހަރު ނުކުންނަ މަޖައްލާއެއް (ޑައިޖެސްޓެއް) ނެރެން ގަސްތު ކޮށްފި އެވެ. އޭނާ، އޭނާގެ ބައްޕަގެ އަތުން ދަރަންޏަށް 300 ޑޮލަރު ހޯދަން އެދުނެވެ. އެހެން ނަމަވެސް ޑީވިޓަށް ފައިސާ ބޭނުން ކުރަން ނޭނގެއޭ، އެ ފައިސާކޮޅު ނަގައިލާނީއޭ ކިޔާފައި ބައްޕަ ފައިސާ ނުދިނީ އެވެ. އޭނާ ވަރަށް ބޮޑަށް އާދޭސް ކޮށްގެން އޭނާގެ ބޭބެގެ އަތުން ފައިސާކޮޅެއް ހޯދައިފި އެވެ. އަދި 1920 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާގެ މަޖައްލާގެ ފުރަތަމަ ޢަދަދު ޗާޕު ކޮށްފި އެވެ. ފުރަތަމަ ޢަދަދު ޗާޕު ކުރީ ހައެއްކަ ސަތޭކަ ކޮޕީ އެވެ.
ދެން ޑީވިޓް ގެ ކުރިމައްޗަށް އައީ އެހެން މައްސަލަ އެކެވެ. އޭނާ މަޖައްލާ ހިފައިގެން ގޮސް ނިވް ޔޯރކް ގެ ޕަބްލިޝަރުންނަށް ދެއްކި އެވެ. އަދި އެ މަޖައްލާ ވިއްކުމުގައި އެހީތެރިވެ ދިނުމަށް އެދުނެވެ. އެހެން ނަމަވެސް އެ މީހުން ބުނީ އެއީ މާ ހަރުކަށި (Too serious) މަޖައްލާ އެއް ކަމަށެވެ. އަދި އެހައި ހަރުކަށި މަޖައްލާ އެއް ނުވިކޭނޭ ކަމަށެވެ.
މިއީ ވަރަށް ނާޒުކު މައްސަލަ އެކެވެ. އެހެނީ ނޫސް މަޖައްލާ ތައް ޢާއްމުންނާ ހަމައަށް ދަނީ ޕަބްލިޝަރުން މެދުވެރި ވެގެންނެވެ. ޕަބްލިޝަރުން ޑީވިޓާ އެހީތެރިވާކަށް އެއްބަހެއް ނުވި އެވެ. އެހެން ނަމަވެސް އޭނާ ބޭނުންވާ ކަންތައްތައް ކުރެވޭނޭ އެއް މަގު އޭނާގެ ކުރިމަތީގައި އެބަ އޮތެވެ. އެއީ މީހުންނާ ހަމައަށް ޚުދު އޭނާ ދިއުމެވެ. އޭނާ ވަރަށް ގިނަ އެޑްރެސް ހޯދުމަށް ފަހު، އެ އެޑްރެސް ތަކަށް ސިޓީ ފޮނުވި އެވެ. މީގެ އިތުރަށް ނޫހުގައި އިޝްތިހާރެއް ވެސް ޖަހައިފި އެވެ. ޢާއްމު އުސޫލެއްގެ ގޮތުން ބަލާ އިރު މި ފަދަ ގޮތަކަށް މަސައްކަތް ކޮށްގެން އައު މަޖައްލާއެއް ވިއްކުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޑީވިޓް ކުޅަ ތަދުބީރަކުން މި ދެންނެވުނު އެކަށީގެން ނުވާ ކަންތައް، އެކަށީގެންވާ ކަމަކަށް ބަދަލު ވެގެން ހިނގައްޖެ އެވެ. އޭނާ މީސް މީހުންނަށް ފޮނުވި ސިޓީގައި ލިޔެފައިވާ ވާހަކަ ތަކުގެ ތެރޭގައި ތިރީގައި މި ދަންނަވާ ވާހަކަ ވެސް ހިމެނެ އެވެ.
The subscription could be cancelled, and all money refunded if the reader wasn’t satisfied. (p. 163)
“ކިޔުންތެރިން މަޖައްލާ ކިޔުމަށް ފަހު ހިތް ހަމަ ނުޖެހޭ ނަމަ އިޝްތިރާކު ބާޠިލު ކުރެވިދާނެ އެވެ. އެ މީހަކު ދިން ފައިސާ އެކީގައި އަނބުރާ ލިބޭނެ އެވެ.”
މި ވާހަކައިގެ ނަތީޖާއެއްގެ ގޮތުން ޑީވިޓަށް އޯޑަރާއި، ފައިސާ ލިބޭން ފަށައިފި އެވެ. ފުރަތަމަ މަރުޙަލާ ގައި އޭނާ އަށް ލިބުނު ފައިސާ އަކީ ދެ މަހުގެ މަޖައްލާ ޗާޕު ކުރަން ފުދޭ ވަރުގެ ޢަދަދަކަށް ވެގެން ހިނގައްޖެ އެވެ.
ޑީވިޓްގެ ރޭވުން ކާމިޔާބު ވީ އެވެ. އިޝްތިރާކަށް ފައިސާ ދެއްކީ މީހުންގެ ތެރެއިން އެކަކު ވެސް ހިތް ހަމަ ނުޖެހިގެން އިޝްތިރާކު ބާިލެއް ނުކުރެ އެވެ. ފައިސާ އަނބުރައި ހޯދާކަށް އެކަކު ވެސް ނޫޅެ އެވެ. އޭނާ ޢާއްމުންނާ ހަމައަށް މަޖައްލާ ފޯރުކޮށް ދިނުމުގެ މަސައްކަތް ހަލުވި ކަމާ އެކު ފަށައިފި އެވެ. 1922 ވަނަ އަހަރުގެ ފެބްރުއަރީ މަހު މަޖައްލާގެ ފަސް ހާސް ކޮޕީ ޗާޕު ކުރި އެވެ. އޭގެ ފަހުން މަހަކަށް ވުރެ މަހެއް ދިޔައީ އިތުރު ވަމުންނެވެ. އެންމެ ފަހުން ގޮސް 1987 ވަނަ އަހަރާ ހަމަ އަށް އައި އިރު އެ މަޖައްލާގެ 28 މިލިއަނަށް ވުރެ ގިނަ ކޮޕީ، ދުނިޔޭގެ ފަނަރަ ބަހުން، 39 އެޑިޝަނުގެ ގޮތުގައި ޗާޕު ކުރެވެމުން ދެއެވެ. މި ދެންނެވުނު މަޖައްލާ އަކީ މިއަދު ދުނިޔެއަށް ރީޑަރސް ޑައިޖެސްޓް (Reader’s Digest) ގެ ނަމުން މަޝްހޫރު ވެފައިވާ މަޖައްލާ އެވެ. މިހާރު އެ މަޖައްލާ ވަނީ ދުނިޔޭގެ އެންމެ ގިނަ މީހުން ކިޔާ މަޖައްލާ އަށް ވެފައެވެ. 1980 ވަނަ އަހަރާ ހަމަ އަށް އައި އިރު ޑީވިޓާއި އޭނާގެ އަންހެނުން ވަނީ ފަންސާސް ހާސް މިލިއަން ޑޮލަރުގެ މިލްކުވެރީންނަށް ވެފައެވެ.
ޑީވިޓް އޭނާގެ މަޖައްލާ އަށް ކިޔުންތެރިން ހޯދީ، އެ މީހުންނަށް މަޖައްލާ “ހިލޭ” ދީގެންނެވެ. ފައިސާ ގެއްލިގެން ހިނގައިދާނޭ ކަމުގެ ބިރެއް ނެތި ކޮންމެ މީހަކަށް ވެސް އެ މަޖައްލާ ގަނެވިދާނެ އެވެ. މި ތަދުބީރު ޙައްޤު ގޮތުގައި ބޭނުން ކުރުމަށްޓަކައި އެހެން ތަދުބީރެއް ކުރުމަކީ ވެސް ލާޒިމު ކަމެކެވެ. ދެވަނަ ތަދުބީރު ކުރެވިފައި ނެތިއްޔާ، ފުރަތަމަ ތަދުބީރުގެ ސަބަބުން ކުރީން ލިބިފައިވާ ނާކާމިޔާބީގެ ސިލްސިލާ ދިގު ވެގެން ދިއުން ނޫން ކަމެއް ނުވާނެ އެވެ.
މި ދަންނަވާ ދެވަނަ ތަދުބީރަކީ ފެންވަރު މަތި ކުރުމެވެ. އެބަހީ މަޖައްލާ ކިޔާފައި މިއީ ކިޔައިލާން ރަނގަޅު މަޖައްލާއެކޭ ކޮންމެ ކިޔުންތެރިއެއްގެ ހިތަށް އަރާ ވަރުގެ މަޖައްލާ އަކަށް، މަޖައްލާ ހެދުމެވެ. މަޖައްލާ އެއް ކޮޅުން އަނެއް ކޮޅަށް ކިޔައިފައި، އެ މަޖައްލާ ގަންނާން ޚަރަދު ކުރި ފައިސާ އަކީ ބޭކާރު ވެގެން ދިޔަ ފައިސާއެއް ކަމަށް ހީ ނުކުރާ ވަރުގެ މަޖައްލާ އަކަށް ހެދުމެވެ. އަދި ކުރިއަށް އޮތް ތާނގައި މެދު ނުކެނޑި މީހުން ގަންނަ ވަރުގެ އެއްޗަކަށް މަޖައްލާ ހެދުމެވެ.
އޭނާގެ މަޖައްލާގައި މި ދެންނެވުނު ދެވަނަ ސިފަ އަށަގަންނުވާން ޑީވިޓަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާން ޖެހުނެވެ. އޭނާގެ މަޖައްލާ އަކީ ޑައިޖެސްޓެކެވެ. ކުރީން ޗާޕު ކުރެވިފައިވާ މަޒުމޫނުތަކުގެ މަޖުމޫޢާ އެކެވެ. މި މަޒުމޫނުތައް ހޯދުމަށް ޓަކައި ޑީވިޓް ދުވާލަކު ފަންސާހަށް ވުރެ ގިނަ މަޖައްލާ ކިޔަ އެވެ. ބައެއް މަޖައްލާ ގަނެގެންނެވެ. ބައެއް މަޖައްލާ ކިޔަނީ ކުތުބުޚާނާ އަކަށް ގޮސް، އެ ތާނގައި އިނދެގެންނެވެ. މި ފަދަ ގޮތަކަށް މަސައްކަތް ކުރުމުގެ ސަބަބުން ޑީވިޓަށް ބައެއް މީހުންގެ މަލާމާތް ރައްދު ވެގެން ވެސް ދިޔަ އެވެ. މިސާލަކަށް ބައެއް މީހުން އޭނާޔާ ދިމާއަށް ކަފައި ހިއްޕާ އެޑިޓަރޭ (Scissors-and-paste editor) ވެސް ކިޔަން ފެށި އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ވާހަކަ އަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ ދިޔައީ، އޭނާގެ މަސައްކަތުގައި ކުރިއަށެވެ.
ޑީވިޓް ވެލަސް (1981-1889) ގެ ޙަޔާތުގެ ހަނދާން ލިޔުނު މީހާ ޑީވިޓްގެ ކާމިޔާބީގެ ސިއްރު ބަޔާން ކޮށްފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.
What made him supernormal was his intense, sustained curiosity, plus an unequalled capacity for work. (p. 182)
“އޭނާ އަކީ އާދަޔާ ޚިލާފު މީހަކަށް ވެގެން ދިޔައީ އޭނާގެ ފުން، އަދި ދާއިމީ ޝައުޤުވެރިކަމުގެ ސަބަބުންނެވެ. މީގެ އިތުރަށް އޭނާ އަކީ މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ.”
ޑީވިޓްގެ ރަޙްމަތްތެރިއަކު، އޭނާޔާ ބެހޭ ގޮތުން ބުނެފައި ވެއެވެ.
“އޭނާ ވާހަކަ ދައްކާ ވަރަށް ވުރެ މާ ގިނައިން އަޑު އަހަ އެވެ.”
He listens far more than he talks.
މި ޙާދިސާގެ ސަބަބުން އެނގެނީ މި ދުނިޔެއަކީ ފުރުޞަތާއި ސަބަބުތައް ހުސްވާ ތަނެއް ނޫން ކަމެވެ. އެއް ސަބަބު އަތުން ބީވެގެން ދިއުމާ އެކު އެހެން ސަބަބެއް ހޯދުމުގެ މަސައްކަތް ފެށުމަކީ އިންސާނާ ކުރާން ޖެހޭނޭ ކަމެކެވެ. މި ފަދަ ގޮތަކަށް މަސައްކަތް ކުރާ މީހަކަށް މަގު ބަންދުވެ، ނާކާމިޔާބީ އާ ހަމައަށް ދެވުމާއެކު، އިތުރު އެހެން މަގެއްގެ އަލި ފެންނާން ފަށާނެ އެވެ. އެ މަގުން ހިނގާފައި ގޮސް ކާމިޔާބީގެ މަންޒިލާ ހަމައަށް ވާސިލު ވެވިދާނެ އެވެ.