އަފްޣާނިސްތާންގައި މީޑިއާގެ އެއްވެސް ވަސީލަތެއްގައި ދިރޭ އެއްވެސް މަޚުލޫޤެއްގެ ތަޞްވީރު ދެއްކުމަކީ މަކުރޫހަ ކަމެއް ކަމުގައި ޠާލިބާންގެ އަމުރު ބިލް މަޢުރޫފި ވައްނަހީ ޢަނިލް މުންކަރި މިނިސްޓްރީން ކަނޑައަޅައިފިއެވެ. އެ މިނިސްޓްރީގެ ތަރުޖުމާން ސައިފުލް އިސްލާމް ޚައިބަރު ވިދާޅުވީ މި "ޤާނޫނު އަފްޣާނިސްތާންގެ ސަރައްޙައްދުގެ ހުރިހައި ހިސާބެއްގައިވެސް ތަންފީޒު ކުރެވޭނެ" ކަމަށެވެ.

އަމުރު ބިލްމަޢުރޫފް މިނިސްޓްރީން ބުނެފައި ވަނީ އެއްވެސް ފަރުދެއްގެ މައްޗަށް މި ޤާނޫނު މަޖުބޫރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ހޭލުންތެރިކަން އުފައްދައި މީހުން ޝައުޤުވެރިކޮށްގެން މި ޤާނޫނު ތަންފިޒު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި، މީހުންނަށް ކަންކަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީޢާގައި އޮންނަ ކަމެއް ނޫން ކަމަށް ޚައިބަރު ވިދާޅުވިއެވެ.

ތާލިބާނުން ވަނީ އަންހެނުން ބުރުގާ އެޅުމާއި ފިރިހެނުން ތުބުޅި ބެހެއްޓުމާއި ފަސްވަގުތު ގަޑިއަށް ނަމާދު ކުރުމަށްވެސް އުސޫލުތަކެއް ހަމަޖައްސާފައެވެ.

އެންމެ ފަހުން ފާސްކޮށްފައިވާ ޤާނޫނުގައި ރައްބުގެ ދިރޭ އުފެއްދުންތައް ދެއްކުން މަނާކަމަށް ކަނޑައެޅި ނަމަވެސް މީސްމީޑިއާގައި ޠާލިބާންގެ ފޮޓޯތައް ދެއްކުން ހުއްދަ ވާނެއެވެ. މީޑިއާއަށް މަޢުލޫމާތު ދިން އަފްޣާން ނޫސްވެރިން ބުނެފައި ވަނީ ޠާލިބާން މަސްއޫލުވެރިންނަށް އެކަން ހުއްދަ ވާނެ ކަމަށާއި ނޫސްވެރިން އެމީހުންގެ ފޮޓޯތައް ޝާއިއު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ.

މި ޤާނޫނު ވުޖޫދަށް އައުމާ ގުޅިގެން އެތައް ޕްރޮވިންސަކުން ވަނީ ނޫސްވެރިންނާ އެކު ބައްދަލުވުންތައް ބާއްވައި ހޭލުންތެރި ކުރުމަށް މަސައްކަތް ކޮށްފައެވެ.

އެކި ޕްރޮވިންސުގައި އެކި ކަލަހަ ހޭލުންތެރިކަމުގެ ޕްރޮގްރާމު ހިންގާއިރު ބައެއް ޕްރޮވިންސްތަކުގައި ވަނީ މޮބައިލް ފޯނުން ފެންނަ ދިރޭ މަޚުލޫޤާތަށް ނުބެލުމަށްވެސް މީހުންނަށް އިރުޝާދު ދީފައެވެ. އަދި ބައެއް ޕްރޮވިންސްތަކުގައި، ރެސްޓޯރެންޓް މެނިއުގައި ހުންނަ މަހުގެ ފޮޓޯގައި އެސޮރުގެ ލޮލުގައި ޓޭޕްކޮޅެއް އަޅައި ނިވާ ކުރުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

ޠާލިބާންގެ ލީޑަރު މުއްލާ ޢުމަރުގެ އުފަން ކަންދަހާރު ޕްރޮވިންސްގައި މާކުރިންވެސް އިންސާނުންގެ ފޮޓޯތައް ދެއްކުން މަނާކޮށްފައި ވެއެވެ.

ރޭޑިއޯއާއި ޓީވީއަކީ ޙަރާމް ވަސީލަތެއް ކަމަށް ކަނޑައަޅާފައި ވަނީ އަފްޣާނިސްތާންގެ ހެލްމަންދު ޕްރޮވިސްގައި އެކަންޏެވެ.

ޠާލިބާންގެ ވެރިކަމުގައި އަދިވެސް މީޑިއާގައި 5100 މީހުން މަސައްކަތް ކުރަމުން ދެއެވެ. އޭގެ ތެރޭގައި، 560 އަންހެނުންވެސް ހިމެނެއެވެ. ޠާލިބާންގެ ވެރިކަމަށް އައިއިރު، މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ޖުމުލައަކީ، 8400 އެވެ.

ރިޕޯޓާސް ވިތުއައުޓު ބޯޑާޒްއިން އެކުލަވާލާ މީޑިއާގެ މިނިވަންކަން ގިންތި ކުރުމުގައި އަފްޣާނިސްތާނަށް ވުރެން ޙާލަތު ގޯސްއެހެން ޤައުމުތައް ވެސް ލިސްޓުގައި ހިމެނެއެވެ. 180 ޤައުމުގެ ތެރޭން އަފްޣާނިސްތާން ދަރަޖަ ކޮށްފައި ވަނީ 178 ވަނާގައެވެ. އޭގެ ކުރިން އަފްޣާނިސްތާން އޮތީ 122 ވަނާގައެވެ.