ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތް، އަންސާރުﷲ ޖަމާޢަތުން ދޭ ޙަމަލަތައް ކާމިޔާބު ކުރަމުން ދާކަމަށް އެމެރިކާގެ އަސްކަރީ މަޖައްލާއަކުން ބުނެފިއެވެ. އެމެރިކާގެ އަސްކަރީ މަޖައްލާ "ސީޓީސީ ސެންޓިނެލް" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޔަމަނުގެ ހަތިޔާރު އެޅި، ހޫސީ، އަންސާރުﷲ ޖަމާޢަތުން ވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް ޑްވައިޓް އައިސަންހާވާ" އާ ކައިރިއަށް ރެޑްސީގައި މިސައިލެއް ވައްޓާލާފައި ކަމަށެވެ.

މިއީ އަންޞާރުﷲ ޖަމާޢަތުން އެމެރިކާ މަނަވަރާ ދިމާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ޖޫން 22 ވަނަ ދުވަހުވެސް ރެޑްސީގެ އުތުރުގައި ހަމަލަ އަމާޒުކޮށްފައި ވެއެވެ. އެހެންވެ، މިއީ ތިންވަނަ ފަހަރަށް ޔޫއެސްއެސް އައިސަންހާވާ އަށް އަމާޒުކުރި ފަހަރެވެ. އަންޞާރުﷲ އިން ބޭނުންކޮށްފައި ވަނީ ބެލެސްޓިކް މިސައިލެކެވެ.

އެމެރިކާގެ މަޖައްލާއިން ރިޕޯޓްކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، މަނަވަރާ ދެކޮޅަށް ބޭނުންކުރާ މިސައިލް މަނަވަރާ ކަރިއަށް ދިޔައީ މަނަވަރަށް އެނގުމަކާ ނުލައެވެ. އަދި އެ މިސައިލަށް ހުރަސް އަޅާނެ ފުރުސަތެއްވެސް މަނަވަރަކަށް ނުލިބުނެވެ. މަޖައްލާއިން ބުނެފައި ވަނީ ގާތްގަނޑަކަށް 200 މީޓަރުކައިރިއަށް މިސައިލް ވެއްޓުނު ކަމަށެވެ.

މި ވާހަކައަށް ރަސްމީކޮށް އިތުރު ޔަގީންކަމެއް ލިބިފައި ވަނީ އެމެރިކާގެ ނަން މަޝްހޫރު އަސްކަރީ ތަމްރީނުދޭ ވެސްޓް ޕޮއިންޓް ސެންޓަރ ގެ އެކަޑެމިކް މަޖައްލާގެ އޮކްޓޯބަރ މަހުގެ މަހު އަދަދުގައި އެކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ދިރާސާއަކުންނެވެ.