"ޒަޔަނިސްޓުންގެ މީހުންނަށް އަހުރެންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ޣިލާ މަރެއްގައި އަހަރެން މަރާލުމެވެ. އަހުރެން އެދެނީ އަހުރެން ޝަހީދު މަރެއްގައި މަރުވުމެވެ."
ޝަހީދު ޔަޙުޔާ ސިންވާރު

ޔަޙުޔާ ސިންވާރުގެ ދުޢާ، ﷲ އިޖާބަ ކުރައްވައިފިއެވެ. އިއްޔެ މާލޭ ގަޑިން ހަވީރު 6ޖެހިއިރު، ފަލަސްޠީނު ގަޑިން ހަވީރު 3 ޖެހިތަނާ، ޒަޔަނިސްޓުން ދިން ހަމަލާތަކެއްގައި ޔަޙުޔާ ޝަހީދުވެ ވަޑައިގަތީ ހަނގުރާމައިގެ މައިދާނުގައި ސަބިތުގެ ހުންނަވަނިކޮށެވެ.

ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް އުފަން، އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިމުގެ އަސްލު ދަރިއެއް ކަމަށްވާ ޔަޙުޔާ މިދުނިޔެ ދޫކުރެއްވިއިރުވެސް އޭނާ ހުންނެވީ، ޒަޔަނިސްޓުންނާ ކުރިމަތި ލެއްވުމުގައި ސާބިތުކަން މަތީގައެވެ. ބިންގަރާހެއްގައި ފިއްލަވައިގެނެއް ނޫނެވެ!

އިޒްރޭލުގެ ޖަލުގައި 23 އަހަރު ހޭދަކުރައްވައި، އިޒްރޭލު ބަސް މޮޅަށް ދަސްކުރައްވައިގެން ހުންނެވި ޔަޙުޔާ، ޖިހާދުގެ މަގުގައި ދަރިވަރުވެ ވަޑައިގަތީ ޝެއިޚު އަޙުމަދު ޔާސީންގެ އަރިހުންނެވެ. ޝެއިޚު އަޙުމަދު ޔާސީން ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެންމެ ގާތުން ޚިދުމަތް ކޮށްދެއްވުމުގައި ޔަޙުޔާ އުޅުއްވިއެވެ.

ޝެއިޚު އަޙުމަދު ޔާސީނަކީ ޕޯލިއޯ ބަލިން ނުކުޅެދޭ ޙާލަތެއްގައި ދިރިއުޅުއްވި ބޭފުޅެކެވެ. ނަމަވެސް ކުޅެދޭ މީހަކަށް ވުރެން ބޮޑަށް އޭނާވަނީ، އޭނާގެ އިރުޝާދާއި އުގަންނައި ދެއްވުމުން ފަލަސްޠީނުގެ ޖީލެއް ހޭލުންތެރި ކުރައްވައި، ޖީހަދުގެ މަގުގައި ސާބިތުކޮށް ދެއްވާފައެވެ.

ޔަޙުޔާއަކީ ފަލަސްޠީނުގެ މިހާރުގެ ޖީލާއި އަންނާން އޮތް ޖީލު ބިނާ ކުރެއްވި ލީޑަރެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ޔަހުދީންނަށް ޖާސޫސްކޮށްދޭ މީހުން ނައްތާލުމުގެ މަސައްކަތުގައެވެ. އެއީ ދެވަނަ ފަރާތެއްގެ އިރުޝާދެއް ނެތި އޭނާ އަމިއްލައަށް ފެއްޓެވި މަސައްކަތެކެވެ.

އެއަށްފަހު އޭނާ ވަނީ ޝެއިޚު އަޙުމަދު ޔާސީންގެ މިސްކިތު ދަރުސްތަކުން ފިލާވަޅު ލިބިވަޑައިގެން، ޣައްޒާގެ އެކި ހިސާބުތަކުގައި މިސްކިތްތައް ބިނާކުރުމަށް މަސައްކަތް ކުރައްވާއެވެ. ސިމެންތި ގެންގުޅުމާއި އިމާރާތް ކުރުން ޔަހޫދީން ފަލަސްޠީނު މީހުންނަށް މަނާކޮށްފައި އޮތުމުން، ޔަހޫޔާ މިސްކިތް އިމާރާތް ކުރެއްވުމުގެ މަސައްކަތް ގެންދެވީ، ޔަހޫދީ ސިފައިން ހަފްތާ ބަންދުގައި ފޯރިއަށް ނުނިކުންނަ ދުވަސްތަކުގައެވެ. އޭނާއާއެކު އެތައް ބަޔަކު ހިލޭ ސާބަހަށް އެކަމަށް ތައްޔާރު ކުރެއްވިއެވެ. ޣައްޒާގައި ޒަޔަނިސްޓުން ބޮން އަޅައި ހަލާކުކޮށްލި އެތައް ސަތޭކަ މިސްކިތަކީ އެގޮތަށް ޔަޙުޔާ އިސްވެ ހުންނަވައިގެން ވޮލަންޓިއަރުން ލައްވައި އޭނާ ބިނާ ކުރެއްވި މިސްކިތްތަކެވެ. މިއީ ޙަމާސްއަށް ޣައްޒާގައި ވެރިކަން ލިބުމުން، ފަލަސްޠީނަށްޓަކައި ޖިހާދު ކުރުމަށް މީހުން ބިނާކޮށްދިން މަދަރުސާތަކެވެ. އަޤްޞާ ޠޫފާނުގެ މުޖާހިދުންނަކީ މި ތަންތަންނުގެ ދަރުސްތަކުގެ ދަސްވެނިންނެވެ.

ޒަޔަނިސްޓުން ޔަޙުޔާއާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރަމުން އެއްފަހަރު ބުނެފައި ވަނީ އޭނާ ފިއްލަވައިގެން ޤަތަރަށް ވަޑައިގެން ޤަތަރުގައި އުޅުއްވާ ކަމަށެވެ.

އަނެއް ފަހަރު ބުނެފައި ވަނީ އޭނާ ދިރިއުޅުއްވަނީ ބިންގަރާހުގައި ކަމަށެވެ. އަދި އިންސާނީ އައްޑަނައަކަށް ޒަޔަނިސްޓު އަސީރުން ބޭނުން ކުރައްވަނީ ކަމަށެވެ.

ނަމަވެސް އޭނާ ޝަހީދުވެ ވަޑައިގަތް މަންޒަރު ދައްކަމުން ޒަޔަނިސްޓު މީޑިއާއިން ވެސް ބުނެފައި ވަނީ އޭނާ ޝަހީދުވެވަޑައިގަތީ މައިދާނުގައި ހަނގުރާމަ ކުރައްވަމުން ދަނިކޮށް ކަމަށެވެ.

ޝަހީދު ވެވަޑައިގަތް އިރު، އޭނާ ހުންނެވީ އޭކޭ 42ގެ ރައިފަލަކާއެކު ހަނގުރާމަ މަތީ ޖެކެޓެއް ތުރުކުރައްވައިގެންނެވެ. އޭނާއާއެކު ދެ މުޖާހިދަކު އުޅުނެވެ. ޒަޔަނިސްޓު ޑްރޯނަކަށް އެމީހުން ފެނުމުން، ޙަމަލަ ދޭން ފެށުމުން އެމީހުން ދެބަޔަކަށް ބެހިގެން ދެ ބިލްޑިންގަކަށް ވަނެވެ. ދެ ތަނަށް ވެސް ހަމަލަ ދިނެވެ. އެއިން އެއް ހަމަލާ ޔަޙުޔާގެ އަތްޕުޅަށް އަމާޒުވެ އަތްބުރިވިއެވެ. އަދި ދެވަނަފަހަރަށް ވެސް ޑްރޯން ކައިރިވުމުން އަތްޕުޅުގައި އޮތް ލަކުޑި ބުރިއެއް އެ ޑްރޯނާ ދިމާއަށް އެއްލައި ލެއްވި މަންޒަރަކީ އޭނާގެ ހަޔާތުގެ އެންމެ ފަހު މަންޒަރެވެ. އެއަށްފަހު ޒަޔަނިސްޓުންގެ ޓޭންކަކުން ދިން ޙަމަލައެއްގައި އިމާރާތް ގޮއްވާލައި އޭނާ ޝަހީދުކޮށްލީއެވެ.

ޒަޔަނިސްޓުން އޭނާއަށް ހަމަލަ ދީފައި ވަނީ އިއްތިފާޤަކުންނެވެ. އެއީ ޔަޙުޔާކަމަށް ޔަޤީންވެގެން ދިން ޙަމަލައެއް ނޫނެވެ.

ޔަޙުޔާގެ ޖެކެޓުން ފެނުނު ސާމާނުތަކުގެ ތެރޭގައި އޭނާގެ ތަސްބީޙައާއި ދުޢާ ފޮތާއި ޕާސްޕޯޓާއި ޓިޝޫ ޕެކެޓަކާއި ނިޔަފަތި ކަނޑާ ދައްޗަކާއި، ގަޑިއާއި ކުޑަ ދެތިން ޓޯޗަކާއި، މެންޓޮސް ޕެކެޓަކާއި ފައިސާ ތަކަކާއި ވަޒަނަކާއި ސެލޯޓޭޕް ރޯލަކައި މިސްވާކު ހިމެނެއެވެ.

ޔަޙޫޔާ އަކީ ޙަމާސް އެއްވެސް ނޫނެވެ! ޔަޙުޔާއާ ނުލައިވެސް ޙަމާސް ދެމި އޮންނާނެއެވެ!

ޔަޙުޔާ ނޫން ބޭފުޅުންވެސް މީގެ ކުރިންވެސް އިޒްރޭލުން ޝަހީދު ކޮށްފައި ވެއެވެ. ޔަހުޔާއަކީ މިލިއަން ޝަހީދުންގެ ތެރޭން އެކެކެވެ!

މީގެ ކުރިން، ޝެއިޚު ޢިއްޒުއްދީން އަލްޤައްސާމް ވެސް ޝަހީދު ކޮށްލީ، ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށެވެ. ފަލަސްޠީނުގެ މުޖާހިދުން ދިޔައީ މިނިވަންކަމުގައި ކުރިއަށެވެ.

ޝެއިޚު އަޙުމަދު ޔާސީންވެސް އަވަހާރަކޮށްލީ ފަތިސްނަމާދަށް ވަޑައިގަތް މަގުމަތީގައެވެ.

ފަލަސްޠީނު މީހުނަށް ޖިހާދު ކުރުމަށް ލިބުނީ އައު ހިތްވަރެކެވެ.

ޔަޙުޔާ ސިންވާރުގެ ނަމާއި 7 އޮކްޓޫބަރު ގެ ހަމަލާ ދުނިޔޭގެ ތާރީޚުގައި ފަވާ ލެވޭނެއެވެ. އަދި ގެރިއްލާ ހަނގުރާމައިގެ ތާރީޚުގައި އެ ހާދިސާ ލިޔެވިގެންދާނީ އައު ބާބެއްގެ ގޮތުގައެވެ. އެއީ ދުނިޔެއިން އެވަރުގެ ދެވަނައެއް ފެނިފައި ނުވާ ޙަމަލައެކެވެ.

وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ. سورة آل عمران ﴿169﴾ "ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދު ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒްޤު ލިބޭ ޙާލު، ދިރިތިބި ބަޔެކެވެ."
سورة آل عمران ﴿169﴾