އިރާނުގެ ނިއުކްލިއަރ އެއްވެސް މަރުކަޒަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެ ރަޝިޔާއިން ސަހްޔޫނީ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އަސްކަރީ ގޮތުން އިރާނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ރަޝިޔާއިން އިޒްރޭލަށް ދިނީ އިއްޔެގެ ވަގުތެއްގައި ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސާޖީ ރިޔަބްކޯވްއެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އިޒްރޭލަށް އިންޒާރު ދެމުން މިދަނީ، (އީރާނުގެ) ނިއުކްލިއާ ފެސިލިޓީތަކަށާއި ނިއުކްލިއާ އިންފްރާސްޓްރަކްޗާއަށް ހަމަލާއެއް ނުދިނުމަށް" ރަޝިޔާގެ ސަރުކާރުގެ ނޫހެއް ކަމުގައިވާ "ޓާސް" އަށް ރިޔަބްކޯވް ވިދާޅުވިއެވެ.

"އިރާނުގެ ނިއުކްލިއަރ މަރުކަޒަކަށްދޭ ހަމަލާ ވެގެންދާނީ ބޮޑު ކާރިސާއަކަށް. އަދި ނިއުކްލިއާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާގައި މިހާރު ހުރި ހުރިހާ އުސޫލުތަކެއް މުޅިން ނަފީވުމަކަށް" ރިޔަބްކޯވް ވިދާޅުވިއެވެ.

ރަޝިޔާއިން އިސްރާއީލަށް މިފަދަ އިންޒާރެއް ދިނީ ކޮން ސިފައެއްގައިކަން ރަޝިޔާގެ ސަރުކާރުން މިހާތަނަށް ހާމަކޮށްފައެވެ.

އިޒްރޭލާއި ހުޅަނގުގެ ގައުމުތަކުން ޒަމާނުއްސުރެ ބިރުގަންނަނީ އީރާނުން މަދަނީ ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމެއްގެ ނިވަލުގައިތިބެ ނިއުކްލިއާ ބޮމެއް އުފައްދަފާނެތީއެވެ. އެކަމަކު މިތުހުމަތުތައް ތެހެރާނުން ދޮގުކުރެއެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިރާނަށް ހަމަލާދޭނެ ގޮތް ނިންމާނީ ސަހްޔޫނީ އިޒްރޭލުގެ އަމިއްލަ މަސްލަހަތަށް ބަލައިގެން ކަމަށެވެ.