2025 ވަނަ އަހަރު 32 ޓީމާއެކު މުޅިން އާ ފޯމެޓަކަށް ކުޅެވިގެންދާ ކްލަބު ވޯލްޑު ކަޕުގައި ލިއޮނެލް މެސީ ކުޅެމުން އަންނަ އިންޓާ މިއާމީ ބައިވެރިވާނެ ކަމަށް މީޑިއާތަކުން ހާމަކޮށްފިއެވެ.

ކުޅިވަރު މީޑިއާއެއް ކަމަށްވާ އީއެސްޕީއެންއިން ހާމަކުރި ގޮތުގައި, ފީފާއިން ރަސްމީކޮށް އެކަން އިއުލާނު ކޮށްފައި ނުވިއަސް, އިންޓާ މިއާމީއަށް ކްލަބު ވޯލްޑް ކަޕުން ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށް އެ މީޑިއާއަށް ވަނީ ހަބަރު ލިބިފައި ކަމަށެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފީފާއިން އެކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް އީއެސްޕީއެންއިން ވަނީ ރިޕޯޓު ކޮށްފައެވެ.

32 ޓީމާއެކު އެމެރިކާގައި ކުޅުމަށް ހަމަޖެހިފައިވާ ކްލަބު ވޯލްޑް ކަޕުގައި އެމެރިކާގެ ފަސް ކްލަބަކަށް ޖާގަ ލިބެއެވެ. އޭގެ ތެރެއިން ހަތަރު ކްލަބެއް ފީފާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެއީ, ފާއިތުވެދިޔަ ހަތަރު އަހަރު ކޮންކެފް ޗެމްޕިއަންސް ކަޕު ކާމިޔާބު ކުރި ހަތަރު ޓީމުކަމުގައިވާ މޮންޓެރޭ, ސިއޭޓަލް ސައުންޑާސް, ލިއޮން އަދި ޕަޗުކާއެވެ.

އެމެރިކާއިން ހޮވާފައިވާ ހަތަރު ޓީމަކީ ކޮންކެފް ޗެމްޕިއަންސް ކަޕު ކާމިޔާބު ކުރުމުގެ ސަބަބުން ޖާގަ ކަށަވަރު ކުރި ހަތަރު ޓީމު ކަމުގައިވިއަސް, އިންޓާ މިއާމީއަށް އެ ޖާގަ ލިބޭނެ ހަމައެކަނި ގޮތަކީ އެ ކްލަބުން ކާމިޔާބު ކުރި ސަޕޯޓާސް ޝީލްޑް ޓްރޮފީއަށް ބަލައިގެންނެވެ. ނަމަވެސް މިއީ, ދެން ހުރި ހަތަރު ޓީމާ އަޅާބަލާއިރު އިންސާފުވެރި ގޮތެއް ނޫންކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީ, ފީފާއިން މިއާމީއަށް ފުރުސަތު ދެނީ މެސީއަށް ކްލަބު ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ދިނުމުގެ ނިޔަތުގައި ކަމަށް ތުހުމަތު ކުރަމުންނެވެ.