އެމެރިކަން މޭޖަރ ލީގް ސޮކާގައި ރޭ ނިއު އިންގްލެންޑް ކޮޅަށް އެންމެ 11 މިނެޓް ތެރޭ ލިއޮނަލް މެސީ ހެޓްރިކް ހަދައިފިއެވެ.

މިއީ 4 ދުވަސް ތެރޭ މެސީ ހެދި 2 ވަނަ ހެޓްރިކެވެ. މެސީ ވަނީ މިދިޔަ ހަފްތާގައި ވަރލްޑް ކަޕް ކޮލިފައިންގައި ބޮލީވިޔާއާ ދެކޮޅަށްވެސް ހެޓްރިކް ހަދާފައެވެ.

ނިއު އިންގްލެންޑާ ދެކޮޅަށް މެސީ ހެޓްރިކް ހެދީ 78، 81 އަދި 89 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މިއިން ކޮންމެ ލަނޑަކީވެސް ބަލާލަން ރީތި ހިތްގައިމު ލަނޑެކެވެ. މިލަނޑު ތަކުގައި މެސީއާއެކު ކުރިން ބާސެލޯނާއަށް ކުޅުނު ފޯވާޑް ލުއިސް ސްއަރޭޒްގެ ދައުރުވެސް ބޮޑެވެ.

މިމެޗުގައި ފުރަތަމަ ދެލަނޑު ޖަހައި ކުރި ހޯދީ ނިއު އިންގްލެންޑުންނެވެ. އެކަމަކު ފުރަތަމަ ހާފުގައި ސްއަރޭޒް ކާމިޔާބު ކުރި ދެލަނޑުން އިންޓަމިއާމީއިން ނަތީޖާ ހަމަހަމަ ކުރީއެވެ. މެސީ އާއި ސްއަރޭޒްގެ އިތުރުން އިންޓަމިއާމީއަށް ދެން ލަނޑު ޖަހައިދިނީ ބެންޖަމިން ކްރިމަސްޗީއެވެ.

ނިއު އިންގްލެންޑް ކޮޅަށް ޖެހި 3 ލަނޑާއެކު، ޖުލްލަ 33 ލަނޑު ހަމަކޮށް، އިންޓަމިއާމީގެ ތާރިހުގައި އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ ރެކޯޑްވެސް މިހާރު އޮތީ މެސީ،37، އަތުގައެވެ.

މެޗަށްފަހު އިންޓަމިއާމީއަށް ވަނީ 'ސްޕޯޓާސް ޝީލްޑް ސަކްސަސް" އެވޯޑް ހަވާލުކޮށްފައެވެ.

އެމެރިކާގައި 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ވަރލްޑް ކަޕުންވެސް މިހާރު އިންޓަމިއާމީއަށް ފީފާއިން ވަނީ ފުރުސަތު ދީފައެވެ. އެއީ އެމެރިކާ ތަމްސީލު ކުރާ ކްލަބުގެ ހައިސިއްޔަތުންނެވެ.