ދުނިޔޭގެ ޗެމްޕިއަނުންނަށް ބަލާ އިރު ވާދަ ކުރާ ގިނަ މީހުންގެ ކިބައިގައި ހުންނަ ޤާބިލިއްޔަތާއި ހުނަރުގައި މާ ބޮޑު ތަފާތެއް ނުހުރެ އެވެ. އެންމެންނަށް ލިބެނީ ދާދި އެއް ވަރެއްގެ ތަމްރީނު ތަކެކެވެ. އެހެން ކަމަށް ވާ ނަމަ އެކަކަށް ކާމިޔާބީ ލިބިފައި އަނެކަކަށް ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހެނީ ކީއްވެގެންތޯއެވެ؟ މި ސުވާލަށް ޖަވާބެއް ހޯދޭތޯ އެމެރިކާ ގައި އެކި ކަހަލަ ދިރާސާ ތައް ކުރެވެމުން ދާތާ ތިން އަހަރު ވެދާނެ އެވެ.
މި މަސައްކަތުގައި އުޅުނު ސައިންސްވެރިން ވަނީ އެ މީހުންގެ ހޯދުންތަކުގެ ރިޕޯޓެއް ދާދި ފަހުން ޝާއިޢު ކޮށްފަ އެވެ.
އެ މީހުން ދިރާސާ ކުރުމަށްޓަކައި ބަނޑުމުސާރަ އަށް ބެއްދުމުގައި ދުނިޔެއަށް މަޝްހޫރު މީސް މީހުން އެއް ކުރި އެވެ. އަދި އެ މީސް މީހުންގެ ހަށިގަނޑުގެ ބާރާއި ނަފްސާނީ ގޮތުން ތައްޔާރު ވެފައިވާ މިންވަރު ހޯދައި ބެލި އެވެ. މުބާރާތް ތަކުގައި ކާމިޔާބީ ހޯދާ މީހުންނާއި ނާކާމިޔާބީ އާ ކުރިމަތިލާ މީހުންނާ ދެމެދު ހުރި މައިގަނޑު ތަފާތަކަށް އެ މީހުންނަށް ފެނުނީ އެންމެ ކަމެކެވެ. އެއީ ޖިސްމާނީ ތަފާތެއް ނޫނެވެ. އެކަމަކު އެ ތަފާތަކީ މޮޅުވުމާއި ދެރަވުން ކަނޑައަޅާ ތަފާތަކަށް އޮތީ ވެފަ އެވެ. އެ މީހުންނަށް ފާހަގަ ކުރެވުނު ގޮތުގައި ކާމިޔާބީ ހޯދާ މީހުން ތިބެނީ އެ މީހުންގެ އަމިއްލަ ނަފްސު ވަރަށް ރަނގަޅަށް ކޮންޓްރޯލް ކޮށްގެންނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ވަރަށް ފުރިހަމަ ބާރެއް ފޯރުވައިގެންނެވެ. އެ ރިޕޯޓު ނިންމައިލައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.
“ނާކާމިޔާބީ އާ ކުރިމަތިލާ މީހުން ތިބެނީ (މުބާރާތެއްގައި) ވާދަ ކުރަން ފެށުމުގެ ކުރީއްސުރެ ނަފްސާނީ ހާސް ކަމެއްގެ ތެރެއަށް ގެނބިފަ އެވެ. ސިކުނޑި ހުންނަނީ ފުރިފަ އެވެ. މިޔާ ޚިލާފަށް ކާމިޔާބީ ހޯދާ މީހުން ތިބެނީ ހިތް ހަމަ ޖެހިފަ އެވެ. ޚިޔާލާތު ހުންނަނީ ހެއު މިސްރާބަށް އެނބުރިފަ އެވެ.” (ދަ ޓައިމްސް އޮފް އިންޑިއާ، 26 ޖުލައި 1981) މިއީ މުޅި ދިރިއުޅުމަށް ފެއްތިދާނޭ މިސާލެކެވެ. ދެ މީހަކު ނުވަތަ ދެ ޖަމާޢަތެއްގެ މެދުގައި ޚިޔާލު ތަފާތުވެގެން ދާ އިރު، އެއް ބަޔަކަށް ކާމިޔާބީ ލިބުމުގެ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ މާއްދީ ސަބަބު ތަކެއް ނޫނެވެ. ސަބަބަކަށް ވެފައި އޮންނަނީ ތަޢުލީމާއި ނަފްސާނީ ގޮތުން އެ ބަޔަކު ތައްޔާރު ވެފައިވާ މިންވަރެކެވެ.
ހާސިލު ކުރަން އުޅޭ ލަނޑުދަނޑި އަކީ ބުރަ މަސައްކަތުން ހާސިލު ކުރަން އެކަށީގެންވާ ލަނޑުދަނޑިއެއްކަމުގެ ޔަގީންކަން ހިތުގައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެޔާއެކު ދައްކާ ވާހަކަ އާއި ކުރާ ކަންތައްތަކާ ދިމާ ވާން ވާނެ އެވެ. ވިސްނުން ހުންނަން ވާނީ ކުނި ބުނިން ސަލާމަތް ވެފަ އެވެ. ކިތަންމެ ބޮޑު މައްސަލަ އަކާ ކުރިމަތި ލާން ޖެހުނަސް މި ސިފަތަކުން ދުރަށް ގޮސްގެން ނުވާނެ އެވެ. ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބީ ހާސިލު ކުރެވޭނީ މި ސިފަތަކުގައި ބާރަށް ހިފަހައްޓައިގެން ތިބެ ކުރިއަށް ދިޔައީމަ އެވެ. ނާކާމިޔާބީ އާ ދުރަށް ދެވެން އޮތް ހަމައެކަނި ގޮތަކީ މިއީ އެވެ.