އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން ފަހަތުން އަރާ 2-1 އިން މެންޗެސްޓާ ޔުނައިޓެޑު މޮޅުވެއްޖެއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބްރެންޓްފޯޑެވެ. މި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެންޓްފޯޑުގެ ޑިފެންޑަރު އީތަން ޕިނޮކް ކާމިޔާބު ކުރި ލަނޑެކެވެ. ޕިނޮކްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ބްރެންޓްފޯޑު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން އެންމެ ދެ މިނެޓު ތެރޭގައި އެ ޓީމުގެ ޒުވާން ފޯވާޑް އަލެހަންޑްރޯ ގަރްނާޗޯ ވަނީ ލަނޑު ޖަހާ, މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފު ފެށުން ގޮތަށް ބްރެންޓްފޯޑުގެ ގޯލަށް ނުރައްކާ ކުރަމުން އައި ޔުނައިޓެޑަށް މެޗުގެ ނަތީޖާ އަނބުރާލެވުނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ސްޓްރައިކަރު ރަސްމުސް ހޮއިލަންޑް ކާމިޔާބު ކުރި ލަނޑެކެވެ. މިއީ, މި ޕްރިމިއާ ލީގު ސީޒަނުގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލަން ޖެހެއެވެ. ހޮއިލަންޑް ކާމިޔާބު ކުރި މި ލަނޑާއެކު ޔުނައިޓެޑުން ވަނީ ބްރެންޓްފޯޑު އަތުން ކުރި ހޯދައި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ.
މެޗުން ލިބުނު މޮޅާއެކު ޔުނައިޓެޑު ވަނީ ކުޅުނު 8 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ އެގާރަވަނައަށް ޖެހިލައިފައެވެ. މެޗުން ނާކާމިޔާބުވި ބްރެންޓްފޯޑް އޮތީ ކުޅުނު 8 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ 13 ވަަނައިގައެވެ.