ސްޕެނިޝް ލަލީގާގައި ރޭގައި ކުޅުނު މެޗުގައި ސެލްޓާ ވީގޯ އަތުން 2-1 އިން މޮޅުވެ, ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.
ސެލްޓާ ވީގޯގެ ބަލައިޑޮސް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރެއާލުން ނިކުތީ ކިލިއަން އެމްބާޕޭ ސްޓްރައިކަރަކަށް, ވިނީޝިއަސް ޖޫނިއާ އަދި ޖޫޑް ބެލިންހަމް ވިންގަރުންގެ ގޮތުގައި ބަހައްޓައިގެންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި އެއް ފެންވަރެއްގެ ކުޅުމެއް ފެނިގެންދިޔައިރު, މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ރެއާލްއެވެ. މި ލަނޑަކީ, މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ އެންމެ އަގުހުރި އެއް ކުޅުންތެރިޔާކަމަށްވާ އެމްބާޕޭ ކާމިޔާބު ކުރި ލަނޑެކެވެ.
ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ސެލްޓާ ވީގޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އެ ޓީމުގެ ޒުވާން ފޯވާޑް ވިލިއޮޓް ސްވެޑްބާގް ކާމިޔާބު ކުރި ލަނޑެކެވެ.
ސެލްޓާ ވީގޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު ރެއާލުން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް, ގޯލެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް އިތުރަށް ހަރުދަނާ ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ 66 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކުރި ލަނޑުން އެ ޓީމަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބިގެން ދިއުމެވެ.
ރެއާލުން މެޗުގެ ލީޑު ނެގުމާއެކު ސެލްޓާ ވީގޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ރެއާލުގެ ހުށިޔާރު ގޯލްކީޕަރު ތިއުބާ ކޯޓުއާ ވަނީ އެ ހަމަލާތައް މަތަކޮށްފައެވެ.
ރެއާލުގެ ހަގީގީ ފެންވަރު މި މެޗުގައި ފެނިގެންނުދިޔަ ކަމުގައިވިއަސް އެމްބާޕޭ އާއި ވިނީޝިއަސްގެ އިންޑިވިޖުއަލް ހުނަރުން ކާމިޔާބު ކުރި ދެ ލަނޑުން އެ ޓީމު ވަނީ ސެލްޓާ ވީގޯ ބަލިކޮށް, މެޗުން ތިން ޕޮއިންޓު ހާސިލުކޮށްފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލު ވަނީ ކުޅުނު 10 މެޗުން 24 ޕޮއިންޓު ހޯދާ, ތާވަލުގެ އެއްވަނައިގައި އޮތް ބާސާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް ބާސާއިން ކުޅެފައިވަނީ އެއް މެޗުން މަދުން ކަމަށްވާތީ އަދި ރެއާލާ ދެމެދު ފަރަގެއް އުފެއްދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.