އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއްވަނަ ދިފާއުކޮށްފިއެވެ.

ލިވަޕޫލުގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. ޗެލްސީއިން ބޯޅަ ކޮންޓްރޯލް ކޮށްގެން ޕާސްކޮށްގެން ގޯލު ޖެހުމަށް މަސައްކަތް ކުރި އިރު ލިވަޕޫލުން ކުޅުނީ ކައުންޓާ އެޓޭކިން ފުޓްބޯލްއެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ލިވަޕޫލެވެ. މި ލަނޑަކީ މެޗުގެ 29 ވަނަ މިނެޓުގައި ލިވަޕޫލުގެ ހުނަރުވެރި ވިންގަރު މުހައްމަދު ސަލާހު ކާމިޔާބު ކުރި ލަނޑެކެވެ. ސަލާހު މި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސަލާހުގެ ލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ޗެލްސީއިން ދެވަނަ ހާފު ފަށާފައިވަނީ ވަރަށް ވަރުގަދަ ކޮށެވެ. އެ ގޮތުން ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލު ޖަހާ, މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ.

ޖެކްސަން, ޗެލްސީއަށް މެޗު އެއްވަރުކޮށްދިންތާ ތިން މިނެޓު ފަހުން ލިވަޕޫލުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް ވަނީ, ސަލާހު ނަގައިދިން ރީތި ހުރަހަކުން ގޯލު ޖަހާ އެ ޓީމަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ލިވަޕޫލުން އަނެއްކާ ވެސް މެޗުގެ ލީޑު ނެގުމާއެކު ޗެލްސީއިން ވަނީ އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކޮށް, މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިވަޕޫލުގެ ހުށިޔާރު ޑިފެންޑަރުން ވަނީ މި ހަމަލާތައް މަތަކޮށް, ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރު ކޮށްދީފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލު ވަނީ ޕްރިމިއާ ލީގުގެ އެއްވަނަ ދިފާއުކޮށްފައެވެ. ކުޅުނު 8 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލިވަޕޫލު އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. މެޗުން ނާކާމިޔާބުވި ޗެލްސީ އޮތީ, 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.