އެމެރިކާގެ އޮހައިއޯ ޔުނިވަރސިޓީގައި ޑިޒާސްޓަރ ރިސާރޗް ސެންޓަރ (ކުއްލިއަކަށް ދިމާވާ ޤުދްރަތީ މުޞީބާތްތައް ބަލައި ދިރާސާ ކުރާ މަރުކަޒެއް) ހުރެ އެވެ. މި މަރުކަޒު ޤާއިމު ކުރެވުނީ 1963 ވަނަ އަހަރު އެވެ. މި މަރުކަޒުން މިހައި ތަނަށް ވަނީ އިންސާނުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އެތައް ސަތޭކަ ޤުދްރަތީ ޙާދިޘާއެއް ބަލައި ދިރާސާ ކޮށްފަ އެވެ. ދިރާސާ ތަކުން އެނގިފައިވާ ގޮތުގައި މުޞީބާތަކަށް ފަހު އުއްމީދު ކަނޑައި ނުލާން ދިމާވަނީ އެ ފަދަ ދަނޑިވަޅު ތަކުގައި އިންސާނާގެ ކިބައިގައި އަށަގަންނަ އާދަޔާ ޚިލާފު ހިތްވަރެއްގެ ސަބަބުންނެވެ. މިސާލަކަށް 1961 ވަނަ އަހަރު (އެމެރިކާގެ) ޓެކްސަސް ގެ އައްސޭރި ފަށަށް ވަރުގަދަ ޠޫފާނެއް އައެވެ. މި ޠޫފާން އައުމުގެ ހަތަރު ދުވަސް ކުރިން މި ފަދަ ޠޫފާނެއް އަތުވެދާނޭ ކަމަށް އަންގައި އިންޒާރު ކުރެވުނެވެ. އެހެން ނަމަވެސް ޓެކްސަސްގެ ރައްޔިތުންގެ ތެރެއިން ރަށް ދޫކޮށްލާފައި ދިޔައީ ދެބައިކުޅަ އެއް ބަޔަށް ވުރެވެސް މަދު މީސްކޮޅެކެވެ. ފަންސާސް އިންސައްތައަށް ވުރެ ގިނަ މީހުން ގަސްތު ކުރީ ރަށުގައި ޤާއިމުވެ ތިބޭށެވެ. 1971 ވަނަ އަހަރު އައި ބިން ހެލުމެއްގެ ސަބަބުން ހަމަ އެ ރަށުގެ ޑޭމެއް (ފެނުގެ ބޭނުން ކޮށްގެން ކަރަންޓު އުފައްދާ ތަނެއް) ވަރަށް ބޮޑަށް ހަލާކުވެ، ހަތްދިހަ ހާސް މީހުންގެ ފުރާނައަށް ނުރައްކާ ވެދާނޭ ކަމުގެ ބިރު ހީވެގެން ދިޔަ އެވެ. މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ވެސް ރަށް ދޫކޮށްލާފައި ދިޔައީ އާބާދީގެ އެންމެ ހަތް އިންސައްތަ މީހުންނެވެ.
މި ދެންނެވުނު ދިރާސާ ތަކުން އެނގުނު އަނެއް ކަމަކީ ބޮޑެތި ޤުދްރަތީ ޙާދިޘާ ތަކުން ގެއްލުން ލިބޭ މީހުން ކުރިމަގަށްޓަކައި ކުރާ އުއްމީދުތައް ވަރަށް ބޮޑު ކަމެވެ. ޓެކްސަސް އަށް ދިމާވީ ދެ ޙާދިޘާގެ ސަބަބުން ގެއްލުން ލިބުނު މީހުންނާ ސުވާލުކޮށް ކުރިމަގަށްޓަކައި އެ މީހުން ކުރާ އުއްމީދު ތަކަކީ ކޮބައިތޯ އޮޅުން ފިލުވުނެވެ. ޙައިރާން ވާން ޖެހުނު ކަމަކީ އެ ޙާދިޘާތަކުގެ ސަބަބުން ހިތްވަރު އެލި، ނާއުއްމީދުގެ ޝުޢޫރު ފާޅު ކުޅައީ ދިހަ އިންސައްތަ އަށް ވުރެ ވެސް މަދު މީސްކޮޅަކަށް ވީ ކަމެވެ. ބާކީ ތިބި މީހުންނަށް ލިބިފައިވާ ބޮޑެތި ގެއްލުން ތަކާ އެކުވެސް އެ މީހުން ތިބީ ކުރިމަގު އުޖާލާ ވާނޭ ކަމުގެ ފޮނި އުއްމީދުގަ އެވެ.
މަތީގައި ދެންނެވުނު މަރުކަޒުން ތައްޔާރު ކުރި ރިޕޯޓު ނިންމާލާފައި ވަނީ މި ދަންނަވާ ޢިބާރާތުންނެވެ. “ޙާދިޘާތަކުގެ ޙަޤީޤަތަށް ވިސްނައިލީމާ އެނގުނީ އިންސާނާ އަކީ ޙައިރާންވާ ފަދަ ގޮތަކަށް ނަފްސު ހިފަހައްޓަން އެނގޭ މަޚްލޫޤެއް ކަމެވެ. އަދި މުޞީބާތުގެ ވަގުތުތަކުގައި ކެތްތެރިވާން ދަންނަ މަޚްލޫޤެއް ކަމެވެ. މުޞީބާތެއް މެދުވެރިވީމާ އިންސާނާ އެ މުޞީބާތަކާ ކުރިމަތިލާ ގޮތް ބަޔާން ކުރަން ބޭނުން ކުރަން ވާ ލަފްޒަކީ ބިރުގަތުން ނުވަތަ ހާސްވުން މި ލަފްޒެއް ނޫނެވެ. ރަނގަޅު ލަފްޒަކަށް ވާނީ ހިތްވަރުގަދަކަން މި ލަފްޒު ކަމަށް ވެދާނެ އެވެ.”
ހެއްދެވި ފަރާތުން ވަނީ އިންސާނާ އަށް އާދަޔާ ޚިލާފު ޤާބިލިއްޔަތެއް ދެއްވައިފަ އެވެ. މި ޤާބިލިއްޔަތުގެ ތެރޭގައި ދިރިއުޅުން މުޅީން ހަލާކު ވެގެން ދިޔައީމާވެސް، އަލުން ތެދުވެ ހިންދެމިލުމަށް ފަހު ދިރިއުޅުން ރާވައި، ކުރިއަށް ގެންދިއުމުގެ ޤާބިލިއްޔަތު ހިމެނެ އެވެ. ލިބޭ ގެއްލުމަކަށްޓަކައި ކަރުނަ އޮއްސައި ހިތާމަ ކުރުމަށް ވުރެ ރަނގަޅު އެތައް ކަމެއް ކުރުމުގެ ޤާބިލިއްޔަތު އިންސާނާ އަށް ވަނީ ލިބިފަ އެވެ. އިންސާނާގެ ކިބައިގައި މިފަދަ އާދަޔާ ޚިލާފު ޤާބިލިއްޔަތެއް ހުރިކަން އެނގުމަކީ އިންސާނާ އަށް އަގުހުރި އެތައް ފިލާވަޅެއް ލިބިގެން ދާ ކަމެކެވެ. އެ ފިލާވަޅަކީ ވަކި ފަރުދަކަށް ވީ ނަމަވެސް އަދި ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ މީހަކަށް ވީ ނަމަވެސް މުޞީބާތެއްގެ ސިފައިގައި ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ އިމްތިޙާނެއްގެ ސަބަބުން ރޮއި ހިތާމަކޮށް ހެދުމުގައި ވަގުތު ނަގާލައިގެން ނުވާނޭ ކަމެވެ. މީގެ ބަދަލުގައި ކޮންމެ މީހަކު ވެސް ބަލަން ވާނީ އެ މީހަކަށް ދެއްވައިފައިވާ ޤާބިލިއްޔަތުގެ ބޭނުން ކޮށްގެން ދިރިއުޅުން އަލުން އާރާސްތު ކުރެވޭތޯ އެވެ. އޭނާ އަށް މުޞީބާތާއި ގެއްލުން ލިބޭން މެދުވެރިވީ ކަންތައްތަކުގެ ސަބަބުން ދިރިއުޅުން ބާއްޖަވެރިވެ، ކުރިމަގު އުޖާލާ ވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.