ފަންނީ އެހީތެރިކަން ހޯދުމަށާއި އިސްްލާމީ އިގުތިސާދު ކުރިއެރުވުމަށް ޓަކައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އެ ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިހު އިއްޒައްދީން އަދްނާނެވެ. މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ. އައިޝަތު މުނީޒާ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ހައުސްގެ ވަފުދަކުން މެލޭޝިއާއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި މި ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ. މުހައްމަދު ނައީމް މުހްތާރުގެ ދައުވަތަކަށް، އެ އިދާރާގެ މެހެމާންދާރީގައި ކުރާ ދަތުރެކެވެ.

މީގެއިތުރުން މި ދަތުރުގެ ތެރެއިން މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން އެ ހައުސްގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެހީތެރިވެ ދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.