ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެގައުމުގެ ވެރިރަށް އަޕިއާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސް، ސަމޯއާގެ ވެރިރަށް އަޕިއާގެ ފަލެއޯލޯ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވީ ސަމޯއާން މިނިސްޓަރ ފޮރ ޕޮލިސް އެންޑް ޕްރިޒަންސް އޮނަރަބަލް ފައުލޯ ހެރީ ޖެފްރީ ޝުސްޓަރ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމެވެ.

މީގެއިތުރުން ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ކްލައިމެޓް އެކްޝަން، ކްލައިމެޓް ފައިނޭންސް ފަދަ ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މި މަހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗޯގްމްގެ އެގްޒެކެޓިވް ސެޝަންތަކުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވެ، ބައިނަލްއަގުވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ދާދިފަހުން ރައީސް ދެއްކެވި ވާހަކަފުޅުގައިވެސް އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އިހުތިރާމު ކުރާ، އަދި އިހުތިރާމު ލިބޭ، ގައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.