ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަތީ ތަޢުލީމުގެ ކޯސްތަކަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ވާރލްޑް ބޭންކް ގުޅިގެން ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 4 ދާއިރާއަކުން ޖުމްލަ 6 ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފިޝަރީޒް ޕޮލިސީ ދާއިރާއިން މާސްޓާސް ޑިގްރީއަށް 1 ފުރުސަތު، މެރިން ސައިންސްގެ ދާއިރާއިން 2 ފުރުސަތު، އަދި ޑާޓާ ސައިންސްގެ ދާއިރާއިންނާއި އެކުއަކަލްޗަރގެ ދާއިރާއިން އެއް ފުރުސަތު ބެޗްލަރސް ޑިގްރީއަށް ހުޅުވާލެވިފައިވެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. މާސްޓާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ކޯހުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލާޒިމުވެއެވެ. އަދި ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިންނާއި އޭލެވެލްގެ 3 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ޝަރުތުކުރެއެވެ.

މި ސްކޮލަރޝިޕްތަކުން ކޯސް ފީގެ އިތުރުން، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް އަދި ސްޓައިޕަންޑް ހަމަޖައްސައިދޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އަންގާފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 3033484 ނަންބަރަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.