ތާރީޚުން އެނގި ފާޅުވާ ގޮތުގައި އިންސާނުންގެ ގިނަ ބަޔަކު އަބަދުވެސް ތިބެނީ މި ޙަޤީޤަތް ހަނދާން ނައްތާލައިގެންނެވެ. މި ޣާފިލުކަމުގެ ސަބަބަކީ ކޮންޑިޝަނިންގ އޭ މިކިޔާ ކަންތައް ވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އިންސާނާ ދުނިޔެއަށް އުފަންވުމާއެކު އޭނާއަށް މައިންބަފައިންނާއި، ގާތްތިމާގެ މީހުން ލިބިދެއެވެ. މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ފަށައެވެ. އަމިއްލަ ގެއެއް ބިނާ ކުރެއެވެ. މަސައްކަތް ކޮށްގެން ދިރިއުޅުމަށް ބޭނުންވާ ހުރިހައި އެއްޗެއް ހޯދައި ޖަމާކުރެއެވެ. އޭނާ ހޯދާ ކޮންމެ އެއްޗަކީ އޭނާގެ މަސައްކަތުން ހޯދާ އެއްޗެއްކަން އޭނާއަށް ވަރަށް ރީތިކޮށް ފެނިދެއެވެ.
ނަތީޖާއެއްގެ ގޮތުން އެނގިގެން ނުވަތަ ނޭނގިނަމަވެސް އޭނާގެ ހިތަށް ވެރިކަމުގެ ޝުޢޫރު ވަދެގަނެއެވެ. ދުނިޔޭގައި އޭނާއަށް ލިބޭ ހުރިހައި އެއްޗެއްގެ ވެރިއަކީ އޭނާކަމުގައި ހީކުރެވެން ފަށައެވެ. އެއީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި އެއްޗެތިކަމުގެ ޔަގީންކަން ހިތުގައި އުފެދެއެވެ. އެ އެއްޗެތީގެ މިލކުވެރިކަން ޙިއްސާކުރާ އެހެން އެއްވެސް ފަރާތެއް ނެތްކަމުގެ ކަށަވަރުކަން ހިތުގައި އަށަގަނެއެވެ. އެކަމަށް މިކިޔާ ނަމަކީ ކޮންޑިޝަނިންގ އެވެ. މި ކޮންޑިޝަނިންގ ގެ ސަބަބުން އެ އެއްޗެތީގެ ޙަޤީޤީ ޙައިސިއްޔަތަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. ޙަޤީޤީ ޙައިސިއްޔަތަށް ބަލާއިރު އެ ހުރިހައި އެއްޗިއްސަކީ އިމްތިޙާނެކެވެ. އެކަމަކު މި ދެންނެވުނު ކޮންޑިޝަނިންގ ގެ ސަބަބުން އޭނާއަށް ފެންނަނީ އެ ހުރިހައި އެއްޗިއްސަކީ އޭނާގެ މިލްކިއްޔާތެއް ކަމުގައެވެ.
މި ދުނިޔޭގައި އިންސާނާއަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ މިއީއެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާގެ އުފެއްދެވުމުގެ ޗާޓުގައިވާ ގޮތުގައި އިންސާނާގެ ދުނިޔަވީ ދިރިއުޅުމަކީ ބޮޑު އިމްތިޙާނެކެވެ. މިތާނގައި އިންސާނާއަކަށް އެއްވެސް އެއްޗެއް ލިބިފައެއް ނެތެވެ. ހުރިހައި އެއްޗަކީ އޭނާއަށް ލިބޭ ޓެސްޓް ޕޭޕަރެކެވެ. އިމްތިޙާން ކަރުދާހެކެވެ. އެހެންވީމާ މި ދުނިޔޭގައި އިންސާނާ ހޭދަކުރާ ކޮންމެ ވަގުތުކޮޅެއްމެ ހޭދަކުރަން ޖެހެނީ ތިމާއަކީ މިނިވަނެއް ނޫންކަމާއި، ވަކި ހަމަތަކެއްގެ ތެރޭގައި ބަނދެވިފައިވާ މީހެއްކަން ދަނެގެންނެވެ. އޭނާއަކީ އެއްވެސް އެއްޗެއްގެ މިލްކުވެރިއެއް ނޫނެވެ. ކޮންމެ އެއްޗަކީވެސް ވަގުތީ ގޮތުން އޭނާއާ ޙަވާލު ކުރެވިފައިވާ އެއްޗެކެވެ. ބޭނުމަކީ އެ އެއްޗެއްގެ ބޭނުން އޭނާ ކުރާ ގޮތް ބެއްލެވުމެވެ. އޭގެ ބޭނުން ކުރަނީ ހެޔޮ ގޮތުގައިތޯ ނުވަތަ ނުބައި ގޮތުގައިތޯ ބެއްލެވުމެވެ.
މި ދުނިޔޭގައި އިންސާނާ އަޅާ ގެއަށް “އަހަރެންގެ ގެ” އޭ ކިޔައެވެ. އެ ގެއަށް ނަން ކިޔަނީ އޭނާ ބޭނުން ނަމެކެވެ. ކޮންމެ އެއްޗަކަށް ބަލި ނަމަވެސް އިންސާނާ ކަންތައް ކުރާ ގޮތަކީ މިއީއެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އޭނާގެ ގެއަކީ އިމްތިޙާނުގެ ގެއެކެވެ. އޭނާގެ ކާރަކީ އިމްތިޙާނުގެ ކާރެކެވެ. ކޮންމެ މުދަލަކީ އިމްތިޙާނުގެ މުދަލެކެވެ. ކޮންމެ ދަރިއަކީ އިމްތިޙާނުގެ ދަރިއެކެވެ. ކޮންމެ އެއްޗަކީ އިމްތިޙާނުގެ އެއްޗެކެވެ.
އެކަމަކު އިންސާނާ ދިރިއުޅެނީ މި ބޮޑު ޙަޤީޤަތް ހަނދާން ނައްތާލައިގެންނެވެ. އެހެން ހުއްޓާ ކުއްލިއަކަށް މަރު އައިސް އޭނާޔާ ބައްދަލު ކުރެއެވެ. ދެން ވަނީ ކިހިނެއްތޯއެވެ؟ އެ ހުރިހައި އެއްޗެއް ދޫކޮށްލާފައި އޭނާގޮސް ވަންނަނީ ދިރިއުޅުމުގެ ދެވަނަ މަރުޙަލާ އަށެވެ. އޭނާ އަމިއްލަ ތަކެތި ކަމުގައި ހީކޮށްގެން ހުރި ތަކެއްޗަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އިމްތިޙާނެއްގެ ގޮތުގައި ވަގުތީގޮތުން އޭނާއަށް ދެއްވި ތަކެތިކަން އޭނާއަށް އެނގެނީ އެހައިތަނުންނެވެ. ޙަޔާތުގެ ފުރަތަމަ ދައުރު ނިމުމާއެކު އެ ހުރިހައި އެއްޗެއް އޭނާގެ އަތުން ބީވެގެން ދެއެވެ. ދެން ވަދެވުނު ދުނިޔޭގައި އުޅެން މިޖެހެނީ ތާއަބަދަށް މަޙްރޫމް ވެގެންވާ މީހެއްގެ ގޮތުގައެވެ. މިނޫން ގޮތަކަށް އުޅެވެނީ އެބައެއްގެ ހެޔޮ ޢަމަލުތަކުގެ ސަބަބުން، ދެވަނަ މަރުޙަލާގައި އިނާމު ލިބޭނޭ ގޮތް މެދުވެރިވީ މީހުންނަށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައިވާ ގޮތުގައި ތަންތަނުގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ތަނަކީ ބާޒާރެވެ. ބާޒާރަކީ ކޮބައިތޯއެވެ؟ ބާޒާރަކީ މީހުން ގޮސް އެމީހުންނަށް ބޭނުންވާ ތަކެތި ގަންނަ ތަނެވެ. ބާޒާރަކީ ގަނެވިއްކާ ހަދާ ތަނެވެ. އެތަނުގެ ސަބަބުން އިންސާނާގެ ހިތުގައި އުފެދޭ ޚިޔާލަކީ ކޮންމެ އެއްޗަކީވެސް ގަނެގެން ހާސިލު ކުރެވިދާނެ އެއްޗެއް ކަމުގެ ޚިޔާލެވެ. ކޮންމެ އެއްޗަކަށްވެސް އޮންނަނީ އެއް އަގެކެވެ. އެ އަގު ދީފައި ގަންނަންވީއެވެ.
މި ދުނިޔޭގައި އޮންނަނީ މިލްކިއްޔާތުގެ ޤާނޫނެވެ. ކޮންމެ އެއްޗެއްމެ ލިބެނީ އެ އެއްޗެއް މިލްކު ކޮށްގަތީމައެވެ. ގެއާއި، ކާރާއި، ހިފައިގެންގުޅޭ ސާމާނާއި، ކާބޯ ތަކެއްޗާ މި ނޫނަސް ކޮންމެ އެއްޗަކީ އެއަށް އޮންނަ އަގެއް ދީފައި މިލްކު ކުރެވޭ އެއްޗެކެވެ.
މި އުސޫލުގެ ސަބަބުން ދުނިޔެ ވެފައިވަނީ އޮޅުވައިލުމުގެ ދުނިޔެއަކަށެވެ. ޙަޤީޤަތަށް ބަލާއިރު ދުނިޔޭގެ ކޮންމެ އެއްޗަކީ އިމްތިޙާން ކަރުދާހެކެވެ. އެ ކަރުދާހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތުން އޭނާގެ އިމްތިޙާނަކަށް ދެވޭ އެއްޗެކެވެ. އެހެންނަމަވެސް ގަނެ ވިއްކުމުގެ އުސޫލުގެ މައްޗަށް ހިނގަމުންދާ މި ދުނިޔޭގައި އިންސާނާ ހުންނަނީ ކޮންމެ އެއްޗަކީ އަގު ދީފައި ގަނެގެން މިލްކު ކުރެވިދާނެ އެއްޗެއް ކަމަށް ގަބޫލު ކޮށްގެންނެވެ.
އެހެންވީމާ އިންސާނާ ދިރިއުޅެނީ އޮޅުމެއްގެ ތެރޭގައެވެ. މަކަރެއްގެ ތެރޭގައެވެ. އިމްތިޙާނެއްގެ ގޮތުގައި ލިބޭ އެއްޗަކީ އޭނާގެ މިލްކެއް ކަމަށް އޭނާ ހުންނަނީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް ޔަގީން ކޮށްގެންނެވެ. މިއީ އެންމެ ބޮޑު އޮޅުމެވެ. އެންމެ ބޮޑު ވަހުމެވެ. ނަތީޖާއަކަށް ވަނީ ޒިންމާދާރީގެ އިޙްސާސާއެކު ދިރިއުޅެންވާ އިންސާނާ ވެރިކަމުގެ އިޙްސާސާއެކު ދިރިއުޅެމުން ގެންދިއުމެވެ.
މި އިޙްސާސްގެ ނިމުމަކީ މަރެވެ. މަރު އައުމާއެކު ހުރިހައި އެއްޗެއް އިންސާނާގެ އަތުން އަތުލެވެއެވެ. އޭނާ އެ އެއްޗެތީގެ ތެރޭގައި މުޅި ދިރިއުޅުން ވޭތު ކުރި ތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އިމްތިޙާނެއްގެ ގިތުގައި ދެއްވި އެއްޗެތިކަން އޭނާއަށް އެނގެނީ އެހައިތަނުންނެވެ. މަރު އައިސް އެ ޙަޤީޤަތް އޭނާއަށް އަންގައި ދިނީމައެވެ. މަރުގެ ކުރިން އިންސާނާ ހީކުރަނީ އޭނާއަކީ “ހުރިހައި އެއްޗެއްގެ ވެރިޔާ” ކަމުގައެވެ. މަރު އައިސް ބައްދަލު ކުރީމާ އެނގެނީ އޭނާއަކީ “އެއްވެސް އެއްޗެއްގެ ވެރިއެއްނޫން” ކަމެވެ. ބުއްދިވެރި މީހަކީ މަރު އައިސް ބައްދަލު ވުމުގެ ކުރިން މި ވަހުމުން ސަލާމަތްވާ މީހާއެވެ. ފަރުދާ އަމިއްލައަށް ކަހައިލުމަށްފަހު ޙަޤީޤަތް ދެނެގަންނަ މީހާއެވެ. އެހެން ނުހަދައިފިނަމަ މަރު އައިސް، އެ ފަރުދާ ވީދައިލާނެއެވެ. އެކަމަކު މަރު އައިސް ވީދައިލާ ފަރުދާގެ ފުރަގަހުން ފެންނަ ޙަޤީޤަތަކީ އެއްވެސް މީހެއްގެ ބާރެއް ފޯރާނޭ ޙަޤީޤަތެއް ނޫނެވެ.
ސާނިއާ މިރްޒާ އަކީ އިންޑިއާގެ ވަރަށް މަޝްހޫރު ޓެނިސްކުޅުންތެރިއެކެވެ. އޭނާއަކީ ޙައިދަރްއާބާދްގެ ކުއްޖެކެވެ. ސާނިއާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭނާގެ މަންމަ ނަސީމާ، ޙައިދަރްއާބާދްގެ ވަރަށް ބޮޑު ހޮޓަލެއްގައި ޕާޓީއެއް ބޭއްވިއެވެ. މި ޕާޓީގެ ޚަބަރު އިންޑިއާގެ ނޫހެއް ކަމަށްވާ “ޓައިމްސް އޮފް އިންޑިއާ” ގެ 16 ނޮވެމްބަރ 2007 ގެ ޢަދަދުގައި ޖަހާފައި އޮތެވެ. ސުރުޚީއަކީ “ސާނިއާގެ އުފަންދުވަސް ފާހަގަ ކުރެވުނީ ޙައިރާންކުރުވަނިވި ޕާޓީއަކުން” މިއެވެ. ރިޕޯޓުގައިވާ ގޮތުގައި ސާނިއާ މިރްޒާގެ މަންމަ ނަސީމާ ބުންޏެވެ. “އަހަރެން، އަހަރެންގެ ދަރިފުޅަށްޓަކައި ދުވަހުގެ ހުރިހައި ވަގުތަކުމެ ފަޚުރުވެރި ވަމެވެ.”
މިއީ މިއަދުގެ ކޮންމެ ހުރިހައި ފިރިހެނުންނާއި އަންހެނުންގެ އާދަ ހުރި ގޮތެވެ. ކޮންމެ މީހަކުމެ ދިރިއުޅެނީ މިފަދަ މަޞްނޫޢީ ފަޚްރުވެރިކަމެއްގެ ތެރޭގައެވެ. ބައެއް މީހުން ފަޚްރުވެރިވަނީ އެމީހުންގެ ދަރިންނަށްޓަކައެވެ. އަނެއް ބަޔަކު ފަޚްރުވެރިވަނީ އެމީހުންގެ މުދަލާއި ފައިސާއަށްޓަކައެވެ. އެއް ބަޔަކު ފަޚްރުވެރިވަނީ އެމީހުންގެ މަޤާމާއި ވަޒީފާއަށްޓަކައެވެ. އެކަންތައްތައް ނުވަތަ އެތަކެތި އެމީހުންނަށް ލިބުނު ގޮތަކާމެދު އެކަކުވެސް ފިކުރެއް ނުކުރެއެވެ. އިންސާނާ ފުންކޮށް ވިސްނައިފިނަމަ އޭނާއަށް ލިބިފައިވާ އެންމެ ކުޑަ އެތިން ފެށިގެންގޮސް އެންމެ ބޮޑު އެއްޗާ ހަމައަށް ލިބިފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަދިޔާއެއްގެ ގޮތުގައިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކޮންމެ އެއްޗަކީ ﷲ ގެ ނިޢުމަތެކެވެ. އިންސާނާއަށް މި ޙަޤީޤަތް ގަބޫލު ކުރެވުމާއެކު ﷲ ސުބްޙާނަހޫ ވަތަޢާލާގް އިޙްސާންތެރިކަމުގެ ސަބަބުން އޭނާގެ މޭ ފުރިގެން ބަންޑުން ވެދާނެއެވެ. އޭނާ ބުނާނެއެވެ. “ދުވަހުގެ ހުރިހައި ވަގުތަކުމެ އަހަރެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރު ދަންނަވަމެވެ.”