ދެކުނު ކޮރެއާގެ ކުރީގެ ރައީސް މޫން ޖޭއިންގެ ދަރިކަނބަލުން ބަނގުރާ ހިތްޕަވައިގެން ކާރު ދުއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކޮށް ސުއާލު ކޮށްފިއެވެ.

މޫން ޑާ-ހޭ ޔޮންގްސަން ބަނގުރަލުގެ މަސްތުގައި އިންނަވައިގެން ދުއްވި ކާރު، ސޯލްގެ އިޓައެވޮން ޑިސްޓްރިކްޓްގައި ލޭން ބަދަލުކުރެއްވުމުގެ ތެރޭގައި ޓެކްސީއަކާ މުޑި އެރީއެވެ. އެކަމަނާ މަސްތުވެ އިންނެވީ މެންދަމުގެ ވަގުތެއްގައެވެ.

"އެންމެންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން. ކޮށްގެން ނުވާނެ ވަރުގެ ބޮޑު ގޯހެއް ހެދުނީ. ލަދުގަނެއްޖެއިން. މާފަށް އެދެން. މިކަހަލަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން ދެން" ކުރީގެ ރައީސްގެ ދަރިކަނބަލުން ނެރުއްވި ބަޔާނުގައި އޮތެވެ.

އެ ކަމަނާ ދުއްވަން އިންނެވިއިރު އަލްކޮހޮލުގެ ނިސްބަތް ހަށިގަނޑުގައި ހުރީ 0.14ގައި ކަމަށް ފުލުހުން ބުނެއެވެ. ޓްރެފިކް ކެމެރާން ފެންނަ ގޮތުގައި މޫން ގޯޅި އެޅުއްވީ ސިގްނަލް ދިއްލުމެއް ނެތި އޯވަރޓޭކް ކުރެއްވުމެއްގައެވެ.