މާލެއާއި އަތޮޅުތެރޭގައި ދީނީ ޙަރަކާތް ހިންގާ ޖަމްޢިއްޔާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ޖަމްޢިއްޔާތަކާ ހިއްސާކުރުމާއި، ޖަމްޢިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔާތަކުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާފައިވެއެވެ. ހަމައެހެންމެ ޖަމްޢިއްޔާތަކުން، މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. ބައްދަލުވުމުގައި އަތޮޅު ތެރެއިން 21 ޖަމްޢިއްޔާ އަދި މާލެ ޞަރަޙައްދުން 6 ޖަމްޢިއްޔާ އެއް ވަނީ ބައިވެރިވެފައެވެ.