ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަގާމާ، ހިޒް އެކްސެލެންސީ ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ވިއެޓްނާމްގެ އައު ރައީސް، މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސް ޑރ މުއިއްޒު، އެމަނިކުފާނަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.