ލޯކަލް ކައުންސިލް އިންތިޚާބު މިވަނީ ބޯމަތިވެފައެވެ. ޕާޓީތަކުން ކެންޕޭނަށް ތައްޔާރުވެ ހާލަތާ އެއްގޮތަށް ކެންޕޭން ކުރަމުން ގެންދާއިރު ސަރުކާރު ކޯލިޝަންގެ މައި އެއްޕާޓީ ކަމަށްވާ ޖޫމްހޫރީ ޕާޓީގެ ލީޑަރުގެ ހިލަމެއް ވެސް އަދި ނުވެއެވެ. ހަމައެއާއެކު ޕާޓީގެ ވެސް ހިލަމެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕާޓީން ގެންދަނީ އޮންލައިންކޮށް ކެންޕޭން ކުރުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ އިންތިޒާމުތައް އަދި މުޅިން ފައިނަލްނުވާ ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް އެޕާޓީގެ ކައުންސިލުން ގެންދަވަނީ އެކަމަށް ތައްޔާރުވުމަށްޓަކައި ބައްދަލުވުންތައް ބާއްވަމުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ގާސިމް ޕާޓިގެ ކަންތަކާ ނޫޅުއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވެސް ވަޑައިނުގަންނަވާތާ އަހަރެއްވަނީ ވެފައެވެ. އެމަނިކުފާނު މަޖިލީހަށް ވަޑައިނުގަންނަވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސުންނަތަށް ތާބާވެގެން ކަމަށް އެނގިފައިވެއެވެ. އެއީ ބަލި ފަސޭހަވަންދެން އެމީހަކު ހުރިރަށުން ނުނިކުމެ ހުރުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހުންނެވީ އޭނާގެ ރިސޯޓެއްގައެވެ.
ގާސިމްގެ ސިޔާސީ ހަރަކާތްތައް މިވަގުތަށް ހިމޭންވުމާއެކު ޖޭޕީވެސް ވަނީ ހިމޭންވެފައެވެ. އެހެންނަމަވެސް ޕާޓީގެ ތަފާތު މަގާމްތަކުގައި ތިބި މީހުންނާއި އާންމު މެންބަރުން ވަނީ ސިޔާސީ ހަރަކާތްތައް އެހެންޕާޓީތަކުން ވެސް ކުރިއަށް ގެންދާގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވެފައެވެ.
ގާސިމް ޖޭޕީ "ސައިލެންޓް" ކޮށްފައި ބޭއްވުމުގެ ސަބަބެއް އެޕާޓީގެ އެއްވެސް މެންބަރަކަށް އެނގޭ ކަމަށް ނުވެއެވެ. ބައެއް މީހުން ބުނެފައިވަނީ މިސަރުކާރުގެ ހޫނު އިންޒާރެއް ލިބިވަޑައިގެންފައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނޫނީ ކައުންސިލް އިންތިޚާބު މިހާ ގާތްވެފައި ވަނިކޮށް ގާސިމް މަޑުން ނުހުންނަވާނެ އެވެ.
ގާސިމް ހިމޭނުން ހުންނެވިޔަސް ޕާޓީ ހިންގަވަން ރައީސަކު އެބަ ހުންނެވިއެވެ. ނާއިބު ރައީސަކު އެބަ ހުންނެވެ. ސެކްރެޓަރީ ޖެނެރަލަކު އެބަ ހުންނެވިއެވެ. އަދިވެސް ވަރުވަރުން މީހުން އެބަތިއްބެވިއެވެ. އެވަރުވެސް ޕާޓީ އޮތީ އުރިފައެވެ.