އިނގިރޭސި ފިލްމުސްޓާ އިދްރީސް އެލްބާ އެފްރިކާއަށް ހިޖުރަ ކުރުމަށް ނިންމައިފިއެވެ. އެލްބާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ފެންވަރު ރަނގަޅު ފިލްމުތައް އެފްރިކާގައި އުފއްދައި ކޮންޓިނެންޓް ޕްރޮމޯޓު ކުރާށެވެ. އެލްބާ ބުނީ މިހާރު އެފްރިކާގެ ފިލްމުތަކުން ދައްކައި ދެނީ ހަމަނުޖެހުމާއި މީހުންގެ ކެކުޅުމާއި، އަޅުދާސްކުރި މާޒީގެ ވާހަކަތައް ކަމަށެވެ. އެކަމަކު އެފްރިކާއަކީ އެއަށްވުރެން މާސަޅި ވާހަކަތަކެއް ދުނިޔެއަށް ކިޔައި ދެވޭނެ ކޮންޓިނެންޓެއް ކަމަށެވެ.

އޭނާގެ ޕްލޭންގައި ހިމެނެނީ، ޓެންޒޭނިއާގެ ޒެންޒިބާރުގައި ފިލްމު ސްޓޫޑިއޯއަކާއި، ގާނާގެ ވެރިރަށް އާކްރާގައި ސްޓޫޑިއޯއެއް ބިނާކޮށްގެން ފިލްމު އުފައްދާށެވެ.

އެލްބާއަކީ އިނގިރޭސިވިލާތަށް އުފަން މީހެކެވެ. މަންމައަކީ ގާނާ މީހެކެވެ. ބައްޕައަކީ ސިއެރާލިއޯން މީހެކެވެ. މަންޑޭލާގެ ޙަޔާތާ ބެހޭ ގޮތުން އުފެއްދި ފިލްމުގައި އޭނާ ވަނީ މަންޑޭލާގެ ރޯލު ކުޅެފައެވެ.

އެފްރިކާގައި އެންމެ ގިނައިން ފިލްމު އުފައްދަނީ ނައިޖޭރިޔާއިންނެވެ. ނައިޖޭރިއާގެ ފިލްމުތަކަކީ އެފްރިކާގެ އެންމެ ބޮޑު އެއް ފިލްމު އެކްސްޕޯޓެވެ.