އެމެރިކާއާއި އޮސްޓްރޭލިއާއާއި 13 ގައުމަކުން ޗައިނާގައި މުސްލިމުންގެ އިންސާނީ ހައްގުގެ ވާހަކަ ދައްކައި ޗައިނާ ބޭޒާރުކޮށްލަން އުޅުމުން ޗައިނާއިން އެ ގައުމުތައް ރޭރުކޮށްލައިފިއެވެ. އެމެރިކާއާއި ބައިވެރިން، އުޅުނީ ޝިންޖިއާންގައި ޗައިނާއިން މުސްލިމުންގެ އިންސާނީ ހައްގަށް އަރައިގަންނަ ވާހަކަ ދައްކާށެވެ.
ޖެނީވާގައި އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ތެދުވެވަޑައިގެން ޗައިނާ މަންދޫބު ވިދާޅުވީ، އަދިވެސް ދައްކަނީ އަހަރަމެންގެ ވާހަކަ ހެއްޔެވެ؟ "ޣައްޒާއަށް ނިކަން ބަލާބަލާށެވެ! އެއީ ދުނިޔެ މަތީ ނަރަކައެވެ!"
އެޖަލްސާގައި ވާހަކަ ދައްކަވަމުން ޗައިނާގެ މަންދޫ ފޫ ކޮންގް ވިދާޅުވީ ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނަށް ވާގިވެރިވަނީ އެމެރިކާއާއި އޮސްޓްރޭލިޔާއާ ހުޅަނގުން ކަމަށެވެ.
"ޣައްޒާގައި ހިނގާ ކަންކަމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހައްސާސް ނުވާނަމަ އެގައުމުތަކުން މުސްލިމުންގެ އިންސާނީ ހައްގުގެ ވާހަކަ ދެއްކުމަކީ ދުނިޔެ މަތީގައި ހަދާ އެންމެ ބޮޑު ދޮގު" ފޫ ވިދާޅުވިއެވެ.
އެމެރިކާއިން ދިން ހަތިޔާރު ބޭނުންކޮށްގެން އިޒްރޭލުގެ ޒަޔަނިސްޓު ނިޒާމުން ވަނީ ޣައްޒާގެ ހޮލޮކޯސްޓްގައި ބަޔާޅީސްހާސް މީހުންގެ ގަތުލުއާންމެއް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައެވެ. އިންސާނީ ތާރީޚުގައި މިހާތަނަށް އެންމެ ގިނައިން ބޮން އެޅި ބިމަކީ ޣައްޒާއެވެ. އެ ހުރިހައި ބޮމެއް އުފައްދައި ސަޕްލައި ކުރީ އެމެރިކާއިންނެވެ.
ޣައްޒާގެ 2.3 މިލިއަން އާބާދީ ވަނީ ނަސްލު ސާފުކޮށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ޕްރޮގްރާމެއް ގައި ވަޒަނުން ލުހެލާފައެވެ. ޣައްޒާގައި ޒަޔަނިސްޓުން އާބާދު ކުރުމަށް އަޅަން އުޅޭ ގެތައް އަޅަނީ އެމެރިކާއިން ދޭ ފައިސާއިންނެވެ.
އަރަބިން އަދިވެސް ދަނީ ސައްލާކޮށް ވާހަކަ ދައްކައި އިޒްރޭލު ކުށްވެރިކުރުމަށް ކުރިން ލިޔުނު ބަޔާންތަކުގެ އިބާރާތްތައް ބަދަލުކޮށް ކަރުދާސް އައު ކުރަމުންނެވެ.