ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭގައި ކުޅުނު މެޗުގައު ޑޯޓްމަންޑް އަތުން 5-2 އިން ރެއާލް މެޑްރިޑް މޮޅުކޮށްދިނުމަށް ހެޓްރިކް ހަދައި، ބެލޮންޑިއޯ ހަފްލާގެ ކުރިން ވިނީޝިއަސް ޖޫނިއަރ ރޭ ފެންވަރު ދައްކާލައިފިއެވެ.
ރެއާލުގެ ސެންޓިއާގޯ ބާނަބޭއޯގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އެ ގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އަދި 34 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލަނޑު ޖަހާ ރެއާލުގެ ކުރިމަތީގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ޑޮންޔެލް މަލެން އަދި ޖޭމީ ބީނޯ ގިޓެންސްއެވެ.
ރެއާލުން އެ ޓީމުގެ ހަގީގީ ފެންވަރު ދައްކާލީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުންކަނޑާލަދީފައެވެ. އޭގެ ދެ މިނެޓު ފަހުން ވިނީޝިއަން ޖޫނިއާ ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ނަތީޖާ ހަމަހަމަވުމުން ލިބުނު ހިތްވަރާއެކު ރެއާލުން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން މެޗުގެ 83 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ވަނީ ރެއާލުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް, އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ރެއާލުގެ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ވިނީޝިއަސް ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ, ޗެމްޕިއަންސް ލީގުގައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ވަރުގަދަ ދެވަނަ ހާފަކާއެކު ތިން ޕޮއިންޓު ހާސިލުކޮށްގެން މެޗު ނިންމާލި ރެއާލު މިހާރު އޮތީ ޗެމްޕިއަންސް ލީގު ތާވަލުގެ ނުވަވަނައިގައެވެ. އެއީ, ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ކަމުގައިވިއަސް ޑޯޓްމަންޑް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ޑޯޓްމަންޑަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓު ކަމުގައިވިއަސް ގޯލުގެ ތަފާތުން ކުރީގައި އޮތީ އެ ޓީމެވެ.