ޗެމްޕިއަންސް ލީގުގައި ރޭގައި ކްލަބު ބްރޫޖް 3-1 އިން ބަލިކޮށް, އޭސީ މިލާނުން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

މިލާނުގެ ސޭން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތްއިރު މިލާން ވަނީ މި ޗެމްޕިއަންސް ލީގު ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. ދެވަނަ ބުރަށް ދަތުރު ކުރާނަމަ މި މެޗުން މޮޅުވުން އެ ޓީމަށް މުހިއްމެވެ.

މެޗު ފެށިގެން މިލާނުން ވަނީ މެޗު ކޮންޓްރޯލްކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިކް ވަނީ ލަނޑު ޖަހާ މިލާނަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރެވޭތޯ މަސައްކަތް ކުރަމުން ދިތަ ކްލަބް ބްރޫޖްއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމުގެ ރަފައެލް އޮންޔެޑިކާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. އެއާއެކު އެ ޓީމަށް ޖެހުނީ މެޗުގެ ދެވަނަ ހާފު 10 ކުޅުންތެރިންނާއެކު ކުޅޭށެވެ.

10 ކުޅުންތެރިންނާއެކު ދެވަނަ ހާފުގައި ކުޅެމުންދުޔަ ކްލަބް ބްރޫޖް ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކީރިއަނީ ސައްބެއެވެ.

ކްލަބް ބްރޫޖްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު މިލާނުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 61 ވަނަ މިނެޓުގައި އަދި 71 ވަނަ މިނެޓުގައި ލަނޑު ޖަހާ, ކްލަބް ބްރޫޖް އަތް ނުފޯރާ ފަށަށް ނަތީޖާ ޖައްސާލައިފައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓިޔާނީ ރެއިންޑާސްއެވެ.

ރެއިންޑާސްގެ ދެ ލަނޑާއެކު މިލާނުން ވަނީ ކްލަބް ބްރޫޖް ބަލިކޮށް ތިން ޕޮއިންޓު ހޯދާ, ތާވަލުގެ 21 ވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ކްލަބް ބްރޫޖް އޮތީ ކުޅުނު 3 މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ 26 ވަނައިގައެވެ.