ހަނިމާދޫ އެއަރޕޯޓާއެކު ހދ. އަތޮޅުގައި 4000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު, ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ދެން އަންނަ އަހަރުގެ މާރިޗު މަހަށް ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ނިންްމުމަށް ހަމަޖެހިފައިވާއިރު, ހދ. އަތޮޅުގައި އެނދު ގިނަ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތޯ އެއްސެވި ސުވާލަށް ރައްދުދެއްވަމުން ފައިސަލް ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ އެއަރޕޯޓުގެ މަސައްކަތް ނިމޭއިރަށް ހދ. އަތޮޅުގައި 4000 އެނދު ތަރައްގީ ކުރުން ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވަނީ ހދ. އަތޮޅުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާކުރުމަށް ޓަކައި ކުރެވެމުންދާ ބައެއް މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި:
- ވައިކަރަމުރައިދޫގެ 15 ހެކްޓަރުގެ ބިން ޓުއަރިޒަމަށް ޓަކައި ވަނީ ދޫކުރެވިފަ
- މި އަހަރުގެ ފެބްރުއަރީ މަހު ހދ. އަތޮޅުގެ ފަސް ރަށެއްގެ މައުލޫމާތު ވަނީ ދުބާއީގައި އޮތް އިންވެސްޓާ ފޯރަމަށް ހާޒިރުވި އިންވެސްޓަރުންނަށް ދެވިފައި
- ހދ. އަތޮޅުގެ ރަށްތަކާ ބެހޭ މައުލޫމާތު އިންޑިއާގެ ދިއްލީ އަދި މުމްބާއީގެ އިންވެސްޓަރުންނަށް ވަނީ ދެވިފައި
- ދެން އަންނަ އަހަރު ސިންގަޕޫރު, ދުބާއީ, ތައިލެންޑު އަދި އިންޑިއާގެ އެކިއެކި ފޯރަމްތަކުގެ ހދ. އަތޮޅު އިޝްތިހާރު ކުރުމަށް ވަނީ ރޭވިފައި
މި ވަގުތު ހދ. އަތޮޅުގައި ޓުއަރިޒަމަށް ރަޖިސްޓްރީ ކުރެވިފައިވަނީ 460 އެނދެވެ. އިތުރު ތިން ރަށެއް ޓުއަރިޒަމްގެ ދާއިރާއަށް ހާއްސަކޮށް, 1,886 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ.
ހދ. އަތޮޅުގައި މި ވަގުތު ހުރީ އެންމެ ދެ ރިސޯޓެވެ. އެއީ, ސޮނެވާ ސީކްރެޓް އަދި ހޮންޑާފުށި އައިލެންޑް ރިސޯޓެވެ. ޓުއަރިޒަމް މިނިސްޓަރު ފައިސަލު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ ހދ. އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.