ޕާކިސްތާންގެ ސިފައިންގެ ބެލުމުގެ ދަށުގައި ހައްޔަރުކޯށްފައި ހުރި ނުރައްކާތެރި ޓެރަރިސްޓެއް ފިލައިފިއެވެ. އިންޓަރ ސަރވިސް ޕަބްލިކް ރިލޭޝަންގެ ތަރުޖަމާން މޭޖާ ޖެނެރަލް އިފްތިޚާރު ބާބަރު ވިދާޅުވާ ގޮތުގައި ޓެރަރިސްޓް އިޙުސާނުﷲ އިހުސާން ވީތަނެއް ސިފައިންނަކަށް ވެސް ނޭގެއެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ފިލައިގެން ދިއުން ސިފައިން ތަހްގީގު ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިހުސާން ސިފައިންގެ އަތްދަށުން ފިލައިގެން ގޮސްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުތެރޭގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2017 ގައެވެ.

އޭނާ ހައްޔަރުކުރުމާއި އޭނާ ހައްޔަރުކޮށްފައި ބެހެއްޓި ގޮތަކީވެސް ސިއްރުން ފުރިގެންވާ ކަމެއްކަމަށް ޑޯން ނޫހުން ސިފަ ކުރެއެވެ.

އޭނާ ފިލައިގެން ދިއުމާ ބެހޭ ގޮތުން އާންމުން ވާހަކަ ދެއްކުމުން ދާޚިލީ ވަޒީރު އެއިރު ވަނީ އިތުރު ތަފްސީލެއް ދެއްވުމަކާ ނުލައި އޭނާ ފިލައިގެން ގޮސްފައިވާ ކަން ޔަގީންކޮށްދެއްވާފައެވެ.

އިޙުސާނުﷲ އިޙުސާން ނޫސްތަކުގެ ސުރުޚީއަށް މިދުވަސްވަރު އަލުން އަރާފައި ވަނީ މަލާލާ ޔޫސުފްޒާއީ މަރާލުމަށް އޭނާ ދެވަނަ ފަހަރު އިންޒާރު ދިނުމާ ގުޅިގެންނެވެ.

ނީގެ ނުވަ އަހަރު ކުރިން މާލާލާ މަރާލުމަށް ހަމަލާ ދީފައި ވަނީވެސް އިހުސާންއާއި ތަހްރީކޭ ތާލިބާނޭ ޕާކިސްތާން ޖަމާއަތުންނެވެ. އިހުސާން އަކީ މި ޖަމާއަތުގެ ތަރުޖަމާނެވެ.

މަރާލާ މަރާލުމަށް ޓުއިޓާގައި އޭނާ އިންޒާރު ދިނުމާ ގުޅިގެން ޕާކިސްތާން ސިފައިންނާއި ބޮޑު ވަޒީރާ މުޚާތަބުކޮށް މަލާލާ އަހާފައިވަނީ ސަރުކާރުން ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރާލަން އުޅުނު މީހަކަށް އެހާ ފަސޭހައިން ފިލައިގެން ދެވުނީ ކީއްވެގެން ހެއްޔެވެ؟

ޓެރަރިސްޓް އިހުސާންއަކީ އާދައިގެ މީހެއް ނޫނެވެ. 2014 ވަނަ އަހަރު ޕޭޝާވަރުގައި އާމީ ޕަބްލިކް ސްކޫލަށް ހަމަލާ ދީ 144 މީހަކު މަރާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. މީގައި އުމުރުން ފަސް އަހަރުން ދަށުގެ ތުއްތު ކުދިންވެސް ހިމެނެއެވެ.

2012 ގައި ސްވެޓް ވެލީގައި މަލާލާ މަރާލަން ހަަމަލަ ދިނީ އޭނާކަމަށްވެސް އޭނާ ވަނީ އިޢްތިރާފް ވެފައެވެ.

ޑޯން ނޫހުން ބުނާ ގޮތުގައި އިހުސާން، ސިފައިންގެ ބަންދުގައި އެހާ ގިނަ ދުވަސްހު ހުރިއިރުވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އަދި ނޫހުން ލަފާ ކުރާ ގޮތުގައި އޭނާ ވަނީ ގައުމުން ބޭރުވެގެން ގޮސް ތުރުކީގައި ދިރިއުޅެން ފަށާފައެވެ. ޕާކިސްތާން ސަރުކާރަށް މިކަން ހިނގައި ދިޔަ ގޮތެއް ކިޔައި ދޭކަށެއް ނޭނގުނެވެ.