ގުރައިދޫގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މޯލްޑީވްސް އިމިގްރޭޝަނުން ހާއްސް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ މަޤްޞަދަކީ ރަށްރަށުގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ޤަވައިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. މިއީ އިމިގްރޭޝަނުން ރަށެއްގައި މިފަދަ އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެފައިވަނީ މި އޮޕަރޭޝަން އެހެން އަތޮޅުތަކަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި އޭގެތެރެއިން މިހާތަނައް ޤަވައިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިޤްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރާނެ މަސައްކަތް އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިޔަފާރިތަކަށް ގޮވާލާފައިވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ އެއްބާރުލުން ނުދިނުމަށާއި، ރަނގަޅު ލިޔެކިޔުންތައް ނެތް މީހުން ފޮރުވައިގެން ނުގެންގުޅުމަށެވެ.