ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024) ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންފިއެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ، ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސްއެވެ. އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވަޑައިގެންނެވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި އިހުތިރާމު ކުރާ، އަދި އިހުތިރާމު ލިބޭ، ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ނުހަނު މުހިންމު ކަމެއް ދެއްވާ ކަމެކެވެ.
ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.