ތައިލެންޑްގެ ކްރިމިނަލް ކޯޓުން ބެލި މައްސަލައެއްގެ ކުށް ސާބިތުވެ، ތައިލެންޑް ސަރުކާރުގެ ކެބިނެޓް 3 މިނިސްޓަރެއްގެ މަގާމު ގެއްލިއްޖެއެވެ.

މިނިސްޓަރުންގެ މައްޗަށް ސާބިތުވެފައިވަނީ، ތައިލެންޑްގައި އޭރު ރައްޔިތުން އިންތިޚާބު ކޮށްފައިއޮތް ސަރުކާރާ ދެކޮޅަށް 2013،2014 ވަނަ އަހަރު ބޭއްވި އަނިޔާވެރިކަންބޮޑު މުޒާހަރާތަކުގައި ބައިވެރިވި ކަމުގެ ކުށެވެ.

ކުށް ސާބިތުވި މިނިސްޓަރުންނަކީ، ސަރުކާރުގެ ޑިޖިޓަލް އިކޮނޮމީ މިނިސްޓަރ ބުއްދިޕޮންގްސޭ ޕުންނަކަންޓާ، އެޑިއުކޭޝަން މިނިސްޓަރ ނަޓަފޯލް ޓޭޕްސުވާން އަދި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރ ތަވޯރން ސެއްނިއަމްއެވެ.

މިތިން ބޭފުޅުންގެ އިތުރުންވެސް، އިތުރު އެތައް ބައެއްގެ މައްޗަށް މި މައްސަލާގައި ކުށް ސާބިތުވެ ކޯޓުން ހުކުމްކޮށްފައި ވެއެވެ.

މިމައްސަލަތަކުގެ ޝަރީއަތް ކޯޓުގައި ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.

ޕާފޯރމަންސް ދަށްވެގެން މިދިޔަ ހޮނިހިރު ދުވަހު ޕާލަމެންޓްގައި ނެގި އިތުބާރުނެތްކަމުގެ މައްސަލާގައި ހިމެނޭ ކެބިނެޓް 10 މިނިސްޓަރުންގެ ތެރޭގައިވެސް އެޑިއުކެޝަން މިނިސްޓަރ ނަޓަފޯލް ހިމެނިވަޑައި ގަންނައެވެ. ނަމަވެސް، އެ ވޯޓުން އެ ހުރިހާ ބޭފުޅުންވެސް ސަލާމަތްވެވަޑައި ގެންނެވިއެވެ.

ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު 3 މިނިސްޓަރުންނަށްވެސް ލިބިވަޑައި ގަންނަވައެވެ. އެހެންނަމަވެސް، ގާނޫނު ބުނާގޮތުން އެ ބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުވާށެވެ.

ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރަގެ އިންތިޚާބީ ސަރުކާރާ ދެކޮޅަށް ވަރުގަދަ އަދި އަނިޔާވެރިކަންބޮޑު މުޒާހަރާތަކެއް ކުރިކަމުގެ ކުށް ކްރިމިނަލް ކޯޓުގައި ސާބިތުވި ބޭފުޅުންގެ ތެރޭގައި ތައިލެންޑްގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސުތްހެޕް ތައުގްސުބަންވެސް ހިމެނިވަޑައި ގަންނަވައެވެ.

އޭރުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތައް ރޭވުމުގައި އިސްކޮށްއޮތީ ސުތްހެޕްގެ ޕީޕަލްސް ޑިމޮކްރަޓިކް ރިފޯމް ކޮމިޓީ ނަމަކަށްކިޔާ ޕާޓީއެވެ.

އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފެށުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 2014 ވަނަ އަހަރު ތައިލެންޑް ސިފައިން ނުކުމެ، މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމަށް އަތްދަ ކުރުމެވެ. 2019 ވަނަ އަހަރާ ހަމައަށް ތައިލެންޑްގައި ވެރިކަންކުރީ ސިފައިންނެވެ.

މުޒާހަރާ ކުރުމުގެ ކުށް ސާބިތުވެ، ސުތްހެޕްގެ އިތުރުން ކެބިނެޓް މިނިސްޓަރުންނަށް 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމް އިއްވާފައި ވެއެވެ.