25 މިލިއަން މާސްކް ހިލޭ ބަހަން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން، މި މާސްކްތައް އާންމުންނަށް ބެހުމަށްޓަކައި ކޮމިއުނިޓީ ހެލްތު ސެންޓަރުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
މިއީ، އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަޅަން ނިންމި ފިޔަވަޅެއް ކަމަށް ވައިޓްހައުސްއިން ބުނެފައި ވެއެވެ.
ކޮވިޑް ބަލި ފެތުރުން މަޑުޖެހުމަކަށް ގެނައުމަށްޓަކައި މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމެރިކާގެ ސިއްހީ އިދަރާތަކުން ބުނެފައި ވެއެވެ.
ހަމަ އެއާއެކު، ވައިޓްހައުސްއިން ބުނެފައިވަނީ ދަށް އާމްދަނީލިބޭ އެމެރިކާ ރައްޔިތުންނަށް އަދިވެސް މާސްކް ލިބޭނެފަދަވެސް ނެތްކަމަށެވެ.
ސަރުކާރުން ހިލޭދޭ މާސްކް 12 މިލިއަން ނުވަތަ 15 މިލިއަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވައިޓްހައުސްއިން ލަފާކުރެއެވެ.
ވައިޓްހައުސްއިން ބުނެފައިވަނީ، ކޮމިއުނިޓީ ހެލްތު ސެންޓަރުތަކުން ޚިދުމަތް ހޯދާ މީހުންގެ ތިންބައިކުޅަ ދެބަޔަކީ ފަގީރު ހާލުގައި އުޅޭ މީހުން ކަމަށެވެ. އޭގެތެރެއިން %60 މީހުންނަކީ ބައިމަދު ނަސްލުތަކުގެ މީހުން ކަމަށާއި، އަދި ގާތްގަނޑަކަށް 1.4 މިލިއަން މީހުންނަކީ އަމިއްލަ ގެދޮރުނެތި މަގުމަތީގައިއުޅޭ މީހުން ކަމަށެވެ.
ކޮވިޑް ބަލީގައި ދުނިޔޭގައި އެންމެ ހާލަތު ގޯސް ގައުމަކީ އެމެރިކާއަށްވާތީ، މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވި ޖޯ ވައިޑެންވަނީ އެމެރިކާގެ ފެޑެރަލް ހުރިހާ އިމާރާތެއްގައި މާސްކް އެޅުމާއި، ގައިދުރުކަން ގާއިމްކުރުން ލާޒިމް ކުރައްވާފައެވެ.
ރައީސް ޖޯ ބައިޑެންގެ އެ އަމުރާއެކު، އެމެރިކާގެ ސެންޓަރސް ފޮރ ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން – ސީޑީސީންވަނީ، އެއްގަމާއި، ކަނޑާއި އަދި ވައިގެ ދަތުރުފަތުގެ ޚިދުމަތުގެ ބޭނުންކުރާ އެންމެން މާސްކްއަޅަން މަޖުބޫރުކޮށް އަމުރެއް ނެރެފައެވެ.