އިނގިރޭސިވިލާތުގެ ރަސްގެފާނު އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ ރަސްގެފާނު ޗާލްސް 3 އަކަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
ނައިބު ރައީސް ވަނީ މި ކަން ހާމަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ނައިބުރައީސް ރަސްގެފާން ޗާލްސް އަށް މި ދައުވަތު ދެއްވީ، ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި، ޗޮގަމް 2024 ބައިވެރިވެވަޑައިގަތުމަށް ސަމޯއާ މިހާރު ކުރައްވާ ދަތުރުފުޅުގައި، ރަސްގެފާނު ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގަންނަވަމުންއެވެ.
ނައިބްރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރަސްގެފާން ޗާލްސްއާ ބައްދަލުކޮށްލަން ލިބުނު ފުރުސަތަކީ ޝަރަފެއްކަމުގައި ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ރަސްގެފާނަށް ރާއްޖެވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މިދިޔަ އަހަރު ދުބާއީގައި ބޭއްވި ކޮޕް-28ގެ ހަވާސާގައި ރައީސް މުއިއްޒުވެސް ވަނީ ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވައިފައެވެ.
ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، މިއަހަރު ކުރިއަށްދަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސަމޯއާގައެވެ. މި ދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.