ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ނ. އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޯދަންއޭރިއާގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފައިވާކަމަށެވެ.
ބޭރުގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އަސަރީ ދޯނިން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ ބޯޓް ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށި ބަނދަރަށް ގެނެސްފައިވާކަމަށެވެ. މި ބޯޓުގައި އަށް މީހުން ތިބި ކަމަށާއި ބޯޓާއި ގުޅޭކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.