ރާއްޖޭގައި ތަރައްޤީވަމުން އަންނަ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓެކްސްއާއި ފަތުރުވެރިކަމުގެ ފީތައް ކުޑަކުރުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ގޮވާލައްވައިފިއެވެ.
އައްޑޫ ސިޓީގެ އައު ފަތުރުވެރިކަމުގެ ބްރޭންޑް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިޞަލް ވިދާޅުވީ، މިހާރު ޓެކްސް ނަގަމުންދާ މިންވަރަކީ ފަތުރުވެރިކަން ރަނގަޅަށް ތަރައްޤީވެފައިވާ ސަރަޙައްދުތަކަށް ފަރުމާކުރެވިފައިވާ މިންވަރެއް ކަމަށާއި، މިކަމުގެ ސަބަބުން ތަރައްޤީ މަދު ސަރަޙައްދުތަކަށް، ޚާއްޞަކޮށް ދަތުރުފަތުރުގެ ވަސީލަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
މި ހުރަސްތައް ނައްތާލުމަށްޓަކައި ބިން ކުއްޔަށް ދިނުމާއި ބިން ގަތުމުގެ އަގުތަކުން ޓެކްސް ކުޑަކުރުމަށް ފައިޞަލް ހުށަހަޅުއްވައި، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތަކަށް މާލީ ވަސީލަތްތައް ލިބުން ފަސޭހަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މާލީ އިދާރާތަކުން މިހާރު އަންނަނީ އުފެދެމުން އަންނަ ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރަމުން ކަމަށް ވަޒީރު ފައިސަލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އައްޑޫގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި މާކެޓުކުރުމަށް 2025 ގެ ކުރީކޮޅު އައްޑޫގައި ފަތުރުވެރިކަމުގެ ސިމްޕޯޒިއަމެއް ބޭއްވުމަށް ރާވާފައިވާ ކަމަށާއި، މި ސިމްޕޯޒިއަމްގައި އިންޑިއާއާއި ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއި، އެއަރލައިންތަކާއި، ބުކިންގ ޕްލެޓްފޯމްތައް ބައިވެރިކުރުވުމަށް ރާވާފައިވާ ކަމަށްވެސް ވަޒީރު އިޢުލާންކުރެއްވިއެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ، ކުރިއަށް އޮތް 5-7 އަހަރުގެ ތެރޭގައި އައްޑޫގައި އިތުރު 4،000-6،000 އެނދު ޤާއިމުކުރެވިއްޖެނަމަ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމައަށް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ޝަންގްރިލާގެ މެނޭޖްމަންޓާއެކު އެއްބާރުލުމުގެ ފުރުޞަތުތަކާ ބެހޭގޮތުންވެސް ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، މި މަޝްރޫޢު ޙަޤީޤަތަކަށް ވެއްޖެނަމަ އައްޑޫގެ ފަތުރުވެރިކަމުގެ ވަސީލަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ފައިޞަލް ވަޒީރު ވިދާޅުވިއެވެ.
ހެއްވާ ކަންކަންދޯ؟.......ގަމާރީ......ކޮން ބަޔެއް ޓެކްސް ބޮޑުކުރީ ރަޝިޔާގެ ޕްޓިން އައިސްގެންތަ؟