މިއީ ޚުލާސާއެކެވެ. އަސްލު މަޒުމޫނު މިލިންކުން ލިބޭނެއެވެ.

ސަކަންދަރު ހަޔާތަކީ، ޗައިނާ މުސްލިމުންގެ ސަރަހައްދުގެ ކަޝްގަރު ސިޓީގައި މީހަކަ އިނދެގެން ހަޔާތެއް ފަށައި ހެދުން ވިޔަފާރި ކުރަން އުޅުނު މީހެކެވެ.

އޭނާގެ އަންހެނުންނާއި ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެއް ހުރެއެވެ. މިއީ އުއުގޫރު ދަރިކޮޅުގެ މީހުންނެވެ.

2017ގެ ރޯދަމަހު ސަކަންދަރު އޭނާގެ ފިރިހެން ދަރިއާއެކު ޕާކިސްތާނަށް އައެވެ. އޭނާ ޕާކިސްތާނަށް އެތެރެވީ، އެއްގަމު މަގުން ޝިންޖިއާންގ ޕްރޮވިންސުންނެވެ. އައިސް ތިން ހަފްތާވެސް ނުވަނީސް ނުތަނަވަސް ކޮށްލާފަދަ ފޯން ކޯލެއް އޭނާއަށް ޗައިނާގެ އާއިލާގެ ފަރާތުން ލިބުނެވެ.

ޚަބަރަކީ، ޗައިނާގެ ސަރުކާރުން އައިސް އޭނާގެ އަންހެނުން އުފުރައިގެން ގެންގޮސް ކޮމިއުނިސްޓް ޕާޓީން މީހުން އަލުން ކިޔަވައިދިނުމަށް ބޭނުންކުރުމަށް ބުނާ ފަދަ ކޭމްޕަކަށް ލީވާހަކައެވެ.

އުމުރުން ހަތް އަހަރާއި ދިހަ އަހަރުގެ ދެ އަންހެން ކުދިން ޔަތީމު ޚާނާއަކަށް ލި ވާހަކައެވެ. އިތުރު މަޢްލޫމާތު ހޯދަން އުޅެގެން އެއްވެސް ވަރެއް ނުވިއެވެ.

ޝިންޖިއާންގ ޕްރޮވިންސްގައި އުއިގޫރު މުސްލިމުންނާ މެދު ޗައިނާއިން ކަން ކުރާ ގޮތަކީ ސިއްރެއް ނޫނެވެ. ޑްރޯނުން ނަގާފައިވާ މަންޒަރުތަކުން އެމީހުން ބަންދުކޯށްގެން ގެންގުޅޭ އެތައް ކޭމްޕެއް ހަދާފައިވާކަން ދައްކައެވެ. ގޫގްލް މެޕުން ދައްކާ މަންޒަރުތަކުން ފެންނަނީ އަދިވެސް އިތުރު މުސްލިމުން ލުމަށް އިތުރު ކޭމްޕަތަކެއްވެސް ހަދަމުންދާ ތަނެވެ. ކޭމްޕްތަކުގައި ބަންދުކޮށްފައިވާ މީހުން ކިޔައިދީފައިވާ ގޮތުން، ބައިތިއްބާފައި ތިބެނީ އަތް ބަނދެފައެވެ. ގޮޅިއެއްގައި 35 އަސީރުން ބައިތިއްބާފައި ތިބެއެވެ.

ކުރިން މިއިން ތަނެއްގައި ބަންދުކޮށްގެން ގެންގުޅުނު މީހަކު ކިޔައިދިން ގޮތުގައި ފަތިހު 4 ޖަހާއިރު ހޭލެވެނީ، ޗައިނާ ކޮމިއުނިސްޓް ޕާޓީއާ ބެހޭ ގޮތުންނާއި ޕާޓީގެ އޯގާތެރިކަމާއި ބެހޭ ލެކްޗަރުތަކަށެވެ.

ހެނދުނުގެ ނާސްތާއަށް ލިބެނީ ހޫނުފެނާއި ޕާންކޮޅެކެވެ. އެއަށް ފަހު ދުވުން އޮވެއެވެ. އެއަށްފަހު ޗައިނާ ބަސްކިޔަވައިދޭން ފަސް ގަޑއިރު ބައިންދައެވެ.

ޝައުގު ވެރިކަމެއް ނުދައްކައިފިނަމަ، ނުވަތަ ދެކޮޅުވެރިކަމެއް ދައްކައިފިނަމަ، އަދަބު ދެވި އަނިޔާ ކުރެވެއެވެ. ކުރުގޮތަކަށް އޭނާ ސިފަކުރީ މިއީ ހަމަ ޖަހަންނަމައެއްގެ ގޮތުގައެވެ.

ސަކަންދަރު ހަޔާތުގެ އަންހެނުން މިފަދަ ތަނަކަށް ގެންދިއުމުން އޭނާ ނުތަނަވަސްނުވާންވީ ސަބަބެއް ނެތެވެ. އަންހެނުންގެ ވާނުވާނެއް ނޭނގިގެން އޭނާއާއި ފިރިހެން ދަރިފުޅު ދިޔައީ ޗައިނާއަށް އެތެރެވާން ބޯޑަރާ ދިމާއަށެވެ. އެތަނުން ޗައިނާ ބޯޑަރު ގާޑުން ހަޔާތގުގެ ދަރިފުޅު ހައްޔަރު ކުރިއެވެ. އޭނާއާ ސުއާލު ކުރީ ފާކިސްތާނުގައި ކުރީ ކީއްތޯއެވެ. ސަކަންދަރަށް އެންގީ ހަފްތާއެއް ފަހު ދަރިފުޅު އޭނާއާ ހަވާލުކުރާނެ ކަމަށެވެ. ދެ އަހަރު ވިއިރުވެސް ދަރިފުޅު ލޮލަކަށް ނުފެނުނެވެ.

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަކީ، (ކޮމިއުނިސްޓް) ޗައިނާއިން ޝިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކަށް ތާއީދުކޮށް ސިޓީއެއްގައި ސޮއިކުރި 36 ގައުމުގެ ތެރޭން އެއް ގައުމެވެ.

ސަކަންދަރުގެ ވާހަކައަކީ މިފަދަ އެއް ވާހަކައެވެ. ލޮސްއެންޖެލްސް ޓައިމްސްއިން ހަޔާތުގެ ވާހަކަ ގެނެސްދިން އިރު ޗައިނާ އުއިގޫރު މުސްލިމު އަންހެނުންނާ އިނދެގެން އުޅޭ މިފަދަ މައްސަލަތައް ދިމާވެފައިވާ ޕާކިސްތާންގެ އެތައް ފިރިހެނުންގެ ވާހަކަ ގެނެސްދީފައި ވެއެވެ. އެއް ހާދިސާއެއްގައި އެކަކު ޖަލުން ދޫކޮށްލާނެ ކަމަށް ބުނި ޝަރުތަކީ އޭނާ ޖާސޫސްކޮށްދޭ މަތިންނެވެ. ޗައިނާ ސަރުކާރުގެ މިފަދަ އަމަލުތަކާ ހެދި މާޔޫސްވެފައިވާ އެހެން އެތައް ވާހަކައެއް އެތައް ބަޔަކު ކިޔައިދީފައި ވެއެވެ.

ޕާކިސްތާނަށް އެނބުރި އައިސް ޕާކިސްތާންގައި އުޅޭ އުއިގޫރު މީހުނަށް ސްކޫލެއް ހަދައިގެން އުޅުނު މީހާ ކިޔައދީފައި ވަނީ ޗައިނާގެ ނުފޫޒު ޕާކިސްތާންގެ ސަރުކާރަށްވެސް ފޯރާފައިވާ ގޮތުގެ ވާހަކައެވެ. 2010ގައި އޭމނާ ހެދި ސްކޫލު ބަންދު ކުރަން އިންޒާރުކޮށް އަދި ބަންދު ނުކުރުމުން ތަން ތަޅާލި ވާހަކަ އޭނާ ކިޔައި ދިނެވެ. ޕާކިސްތާނު ސަރުކާރުން މިތަން ބަންދުކުރުމަށް އައިސް ވާހަކަ ދެއްކި މަސްއޫލުވެރިން ވިދާޅުވީ މިއިން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ކަމުގައވެ. ތަޅާލި ސްކޫލު އޭނާ ހުޅުވުމުންވެސް އަނެއްކާވެސް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރީއެވެ. އެންމެ ފަހުން 2017ގައި އޭނާ ބަންދުކޮށްފައި ބެހެއްޓީ ޖަލުގައެވެ.

އުއިގޫރު މުސްލިމުން ޕާކިސްތާންގައި އުޅޭ ގޮތަށް ޗައިނާއިން ޕާކިސްތާން ސަރުކާރު މެދުވެރިކޮށް ޖާސޫސް ކުރުވައެވެ.