"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަން އިތުރު ވަގުތު ބޭނުންވާތީ، ދާއިމީ ލިސްޓު އިއުލާނުކުރުން ނޮވެމްބަރު މަހުގެ 2 ހަފްތާ އަށް ފަސްކޮށްފައިވާ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިމަހު އާންމު ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން މިއަދު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މި މަސައްކަތްތައް ފުރިހަމަ އަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.

2022 ވަނަ އަހަރު މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ.

އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އިއުލާނުކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.