ތ. ވޭމަންޑޫއަށް ވަގުތީ ކަރަންޓު ދިނުމަށްޓަކައި އެއަތޮޅު ގުރައިދޫން ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފިއެވެ. 360 ކޭވީގެ މި ޖަނަރޭޓަރު އެރަށަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

މި ޖަނަރޭޓަރު ހިފައިގެން ވޭމަންޑުއަށް ދިޔައިރު ފެނަކަ ކުންފުނީގެ އެމްޑޫ އަޙުމަދު ސަޢީދު ބަނދަރުގައި ހުންނެވިއެވެ. ސަޢީދު ވިދާޅުވީ މަސައްކަތް ކުރައްވަނީ ވީހާ ވެސް އަވަހަކަށް އެރަށަށް ކަރަންޓު ލިބޭނެ ގޮތް ހެއްދެވުމަށް ކަމަށެވެ. ގުރައިދޫން އިންޖީން އެރަށަށް ފޮނުވިއިރު އިންޖީން ބަހައްޓާނެ ތަން ވެސް ވަނީ ތައްޔާރުވެފައެވެ.

ވޭމަންޑުއަށް ދާއިމީ ކަރަންޓު ލިބޭނީ މާލެއިން އެރަށަށް ފޮނުވާ ޖަނަރޭޓުތައް އަރަށަށް ލިބި އިންސްޓޯލް ކޮށްގެންނެވެ. މި ޖަނަރޭޓަރުތައް ގެނެސް އިންސްޓޯލްކޮށް ނިމި ކަރަންޓު ދެވެންދެން އެރަށަށް ކަރަންޓު ދޭނީ ގުރައިދޫން ގެނައި އިންޖީނުންނެވެ. އެ ޖަނަރޭޓަރުން ކަރަންޓު ދެމުން ގެންދާނީ ސަރަހައްދުތަކަށް ބަހާލައިގެންނެވެ.