ބޮލީވުޑްގެ 1995 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ކަރަން އަރްޖުން"، އެ ފިލްމުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 22 ނޮވެމްބަރު 2024 ގައި އަލުން ސިނަމާތަކުގައި ދައްކަން ނިންމައިފިއެވެ. މި ފިލްމުގައި ބޮލީވުޑްގެ ސުޕަރ ސްޓާރުން ކަމުގައިވާ ޝާހްރުކް ޚާން އަދި ސަލްމާން ޚާން ފެނިގެންދެއެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓްކުރި މި އެކްޝަން ޑްރާމާ ފިލްމަކީ އިންޑިއާގައި ވަރަށް މަޤްބޫލު ފިލްމެކެވެ. މި ފިލްމުގެ ވާހަކައަކީ އެމީހުންގެ ބައްޕަ މަރާލި މީހުންނާ ބަދަލުހިފުމަށް މަސައްކަތްކުރާ ދެ ބެއިންގެ ވާހަކައެވެ.

ސަލްމާން ޚާން ވަނީ އާ ޓީޒަރެއް ޕޯސްޓްކޮށް މި ޚަބަރު ފޭނުންނާ ހިއްސާކޮށްފައެވެ. އަދި މި ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ރިތިކް ރޯޝަން ވެސް ވަނީ އުފާވެރިކަން ފާޅުކޮށް، ކަރަން އަރްޖުންއަށް ފުރަތަމަ ފަހަރު ނުކުތުމަށްފަހު ސިނަމާތައް މުޅިން ބަދަލުކޮއްލިކަމަށް ބުނެފައިއެވެ.

މި ފިލްމުގައި ރާޚީ ގުލްޒާރު، ކަޖޯލް، މަމްތާ ކުލްކަރްނީ އަދި އަމްރިޝް ޕޫރީ ފަދަ ތަރިން ވެސް ތަމްސީލުކޮށްފައިވެއެވެ. މި ފިލްމުގެ ފުރިހަމަ އެކްޓިންގ، ހަނދާންނައްތާނުލެވޭ ލަވަތައް އަދި ހިތްގައިމު ވާހަކަ ވަނީ އިންޑިއާގެ ގިނަ ބައެއްގެ ހިތްތައް ހޯދާފައެވެ.