ލިޔުއްވީ: އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ

ކަރުދާހު ނޫޓަކީ ބިރުވެރި ނުރައްކާތެރި އެއްޗެކޭ ދަންނަވައިފިނަމަ، އެއީ މޮޔަގޮވުމެކޭ ވިދާޅުވާނެ ބޭފުޅުން ތިއްބަވާނެކަން ކަށަވަރެވެ. ފައިސާއަކީ އަގުހުރި އެއްޗަކަށް ވާއިރު، އަދި މި ކަރުދާސްކޮޅު ހޯދަން އެންމެން މަސައްކަތްކުރާ އިރު އެއީ ބިރުވެރިއެއްޗެކޭ ބުނަން ހެޔޮވާނެހެއްޔެވެ؟ އެއީ ނުރައްކާތެރި އެއްޗެކޭ ބުނަންކެރޭނެ ހެއްޔެވެ؟

ކަރުދާހުފައިސާގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތަށް ބޮޑެތިނުރައްކާތަކެއް ކުރިމަތިވަމުންދާކަމަށް ދިރާސާތައް ބުނެ އެވެ. އެހެންކަމުން މިކަމާމެދު ވިސްނާލަން އެބަޖެހެ އެވެ. ބޭސްވެރިކަމާބެހޭ ދިރާސާތައް ކަށަވަރުކޮށްދޭގޮތުގައި ކަރުދާހުފައިސާ އަކީ (ނުވަތަ ނޫޓަކީ) ޖަރާސީމާއި މައިކްރޯބްތައް އުފުލާދޭ ވަރަށް ވަރުގަދަވަސީލަތެކެވެ. އަޅުގަނޑުމެންގެ އަތަށް އަރާ މި ކަރުދާސްކޮޅުތައް އަޅުގަނޑުމެންގެ އަތަށް މި އަރަނީ ކިތައް އަތުގައި އުނގުޅިފައިތޯ ސުވާލުކޮށްލެއްވިންތޯ އެވެ؟ މި ހުރިހާ އަތްތަކުން އޭގައި ޖެހުނު ކުނިމިލަތަކާއި ދައުތައް އަޅުގަނޑުމެންގެ އަތުގައި ނެހޭކޭނެތޯ އެވެ؟ މި އަތްތަކުން އެއަށްއަރާ ޖަރާސީމުތަކާއި ފަނިފަކުސާތައް އަޅުގަނޑުމެންގެ އަތްތަކުގައި ތަތްނުލަވާނެތޯ އެވެ؟ މިކަމުގެ ސަބަބުން އެއިން ކޮންމެ ކަރުދާސްކޮޅަކުން ދުވާވަސް ތަފާތުވެއެވެ. އެކަމަކު ވެސް މި ކަރުދާސް ކޮޅުތައް ދެކެ ފަކުރުގަންނަމީހަކު އުޅޭކަމަކަށް ނުވެ އެވެ. އޭގައި އަތްނުލަންވެގެން އުޅޭމީހަކު ވެސް ނުފެނެ އެވެ. ވީމާ، ސުވާލަކީ މިއީ ނިޢުމަތެއްބާވަ އެވެ؟ ނުވަތަ މިއީ ޢަޛާބެއް ބާވަ އެވެ؟

އިންސާނުން މި ކަރުދާސްކޮޅުތައް ކައިނުހެދިޔަސް، މި ކަރުދާސްކޮޅުތަކުގެ ސަބަބުން ނުރައްކާތެރި ވަރަށްގިނަގުނަބަލިތަކެއް އިންސާނާއަށް ނަޤްލުވެގެންދެ އެވެ. ދިރާސާތައް ބުނާގޮތުގައި މި ކަރުދާސްކޮޅުތަކުގެ 94 % ގައި ހުންނަ ނުރައްކާތެރި ވައިރަސްތަކަކީ ނޭވާލުމުގެ ނިޒާމަށް ވަރަށް ނުރައްކާތެރި ބަލިތަކެއް ޖައްސާ ވައިރަސްތަކެކެވެ. މިކަމުގެ އެއްސަބަބަކީ، އެއީ ފައިސާކަމަށް ވާތީ އެ ފޮރުވަންވެގެން ވަތްގަނޑަށްލައިފާ ބަހައްޓާކަމެވެ. މި ވަތްގަނޑުތައް އެހާ ސާފުތާހިރެއްނޫނެވެ. ބައެއްފަހަރަށް މިފައިސާ ބަހައްޓަނީ ކީސާ ކީސާތަކުގަ އެވެ. މި ކީސާތަކުގައި ވަރަށް ގިނައިން ހިރަފުހާއި ވެލިފުށްފުށް ހުރެ އެވެ. ތަރުކާރީއާއި މޭވާއާއި މަސްވިއްކާމީހުން ގެންގުޅޭ ފައިސާގައި ލެޔާއި ކިސަޑާއި މަށިވެސް ހުރެ އެވެ. އަދި އެ ކަރުދާސްކޮޅުތައް މައްޗަށް ވަރަށްގިނައިން ފަނިފަކުސާތައް އަރާއުޅެ އެވެ. ތެޔޮވިއްކާ ތަންތަނުގައި އުޅޭމީހުން ގެންގުޅޭ ކަރުދާހުފައިސާގައި ބާވަތްބާވަތުގެ ތެޔޮ އުނގުޅިފައި ހުރެ އެވެެ. މިއީ ނޭވާހިއްލާމީހުންނަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ.

ދިރާސާކުރައްވާބޭފުޅުން ވިދާޅުވާގޮތުގައި ފައިސާ ގެ ގޮތުގައި ބޭނުންކުރާ ކަރުދާހަކީ އޭގައި ފަނިފަކުސާތަކަށް ވަރަށް ފަސޭހައިން ތަތްކޮށްލެވޭ ކަހަލަ ކަރުދާހެކެވެ. މި ފައިސާ ވަރަށްގިނަ އަތްތަކެއްގެ މަތީގައި ދައުރުކުރާތީ ތަފާތުބަލިތައް ނަޤްލުކުރުމުގެ ވަސީލަތަކަށް މި ކަރުދާސްކޮޅުތައްވެ އެވެ.

ފައިސާގެ ސަބަބުން އަރާބަލިތަކުގެ ތެރޭގައި : ހަމުގެ ބަލިތައް ހިމެނެ އެވެ. ކަސްއެޅުމަކީ މި ކަރުދާސްކޮޅުގެ ސަބަބުން ޖެހޭ ވަރަށް އާންމު ބައްޔެކެވެ. މީގެ އިތުރަށް ޓައިފޮއިޑާއި މޭގަނޑަށް ޖެހޭބަލިތަކަކީވެސް ޢިލްމުވެރިން ފާހަގަކުރައްވާ ބަލިތަކެކެވެ.

ނޫޓުކަރުދާސް ދެތުންފަތް ދެމެދަށް ލުމުގެ ސަބަބުން ތަފާތުބާވަތްތަކުގެ ބެކްޓީރިއާތައް އަނގަތެރެއަށް ވަދެ އެވެ. މިކަމުގެ ސަބަބުން އަނގައަށް ޖެހޭ ބައެއްބަލިބައްޔާއި ކަރުތެރެއަށް ޖެހޭ ބައެއްބަލިތައް ޖެހޭތަން އާދެ އެވެ. މިގޮތުން ޖެހޭ ބަލިތަކުގެ ތެރޭގައި ބޭރަށް ހިންގުމުގެ ތަފާތު ބާވަތްތައް ހިމެނެ އެވެ. އަދި މިކަމުގެ ސަބަބުން ތަފާތުބާވަތްބާވަތުގެ ފަނިތައް ބަނޑުތެރެއަށް ވަނުމަށް ދޮރުހުޅުވެ އެވެ.

މީގެ އިތުރަށް، ބައެއްމީހުން އެމީހުން ބޭނުންވާ ބައެއް އެއްޗެހި ނޯޓްކުރާ ކަރުދާސްކޮޅެއްގެ ގޮތުގައިވެސް ފައިސާ ބޭނުންކުރެއެވެ. އަދި ބައެއް ޤައުމުތަކުގައި ބައެއްމީހުން ކުދިކުދި މެސެޖްތައް ބަދަލުކުރުމަށްޓަކައިވެސް ނޫޓްގެ ބޭނުންކުރެ އެވެ. ބައެއްދިރާސާތައް ބުނާގޮތުގައި ލޯބިވެރިން އެމީހުންގެ ލޯބިދެއްކުމަށްޓަކައި އިނގިލިކުރިން ލޭނެރެގެން ފައިސާގައި ލޭ ހާކައިފާ ލޯބިވެރިއާއަށް ފޮނުވަ އެވެ.

ކަރުދާހުފައިސާގެ ސަބަބުން ބަލިތައް އެންމެ ގިނައިންޖެހޭބަޔަކީ ފައިސާގެ މަސައްކަތުގައި އުޅޭމީހުންނެވެ. ކޭޝިއަރުންނާއި ސޭޓުންނާއި ބޭންކްތަކުގައި ފައިސާ ގުނާމީހުންނެވެ. އެމީހުންނަށް އަބަދު މިފައިސާގައި އަތްލާންޖެހޭތީ އެވެ.

ދިރާސާތައް ބުނާގޮތުގައި މަޢުދަނީފައިސާގެ ނުވަތަ ވަކި ލާރީގެ ގެއްލުން ނިސްބަތުން މާކުޑަ އެވެ. މި ދިރާސާތައްކުރެއްވި ބޭފުޅުން ދެއްވާ ނަސޭހަތަކީ ފައިސާގައި އަތްލުމަށްފަހު ރަނގަޅަށް އަތްދޮންނާށެވެ. ފައިސާދެކެ ލޯބިވިޔަސް އޭގައި ކޮންމެހެން މަޖްބޫރުވެގެން ނޫނީ އަތްލައި ނަހަދާށެވެ.ލޯބިވާ ކޮންމެ އެއްޗަކީ ފައިދާ ހުރި އެއްޗެއް ނޫނެވެ.

(ނިމުނީ)