ރޫޑް ވެން ނިސްލްރޯއީގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުގައި ލެއިސެސްޓާ ސިޓީ އަތުން 5-2 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެއްޖެއެވެ.

ކަރަބައޯ ކަޕުގައި ރޭގައި އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 15 ވަނަ މިނެޓުގައި ކަސެމީރޯ ވަނީ ލަނޑު ޖަހާ, ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާގެ ޒުވާން ފޯވާޑް އަލެހަންޑްރޯ ގަރްނާޗޯ ވަނީ ލަނޑެއް ކާމިޔާބު ކޮށް ޔުނައިޓެޑުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްފައެވެ.

ގަރްނާޗޯ, ޔުނައިޓެޑުގެ ލީޑު ދެ ގޯލަށް އިތުރު ކުރިތާ ފަސް މިނެޓު ފަހުން ލެއިސެސްޓާގެ އެލްހައްނޫސް ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުންކަނޑާލަދީފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފާނަންޑޭސް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް އަނެއްކާ ވެސް ދެ ގޯލަށް ލީޑު ފުޅާ ކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން, ކަސެމީރޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ, ޔުނައިޓެޑުގެ ލީޑު ތިން ގޯލަށް އިތުރު ކޮށްފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެއިސެސްޓާގެ ޑިފެންޑަރު, ކޮނާ ކޯޑީ ވަނީ ލަނޑު ޖަހާ, ދެ ޓީމުގެ ފަރަގު ކުޑަކޮށްފައެވެ. ޖުމްލަ ހަ ލަނޑު ފެނިގެންދިޔަ މި ހާފު ނިމިގެންދިޔައީ 4-2 އިން ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ފާނަންޑޭސް ކާމިޔާބު ކުރި ލަނޑާއެކު ޔުނައިޓެޑުން މެޗު ނިންމާލީ 5-2 ގެ ފަހުރުވެރި ނާތީޖާއިންނެވެ.

މެޗުން ލިބުނު މޮޅާއެކު ޔުނައިޓެޑުން މުބާރާތުގެ ކުއާޓާގައި ބައްދަލު ކުރާނީ, ސިޓީ ކަޓުވާލުމަށް ފަހު ކުއާޓާއަށް ދަތުރުކުރި ޓޮޓެންހަމް ހޮޓްސްޕާއާއެވެ.