ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތައް ސަރުކާރުން އަޑުއަހާ ކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަކީލާއި މުވައްކިލުންގެ ބައްދަލްވުންތަކާއި ފޯނު ކޯލުތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައިވާ މުއާމަލާތްތަކެއް ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކުރައްވާފައިވާ ދައްކަވާފައިވާ އެހެން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައިނުވާ ބައެއް ވާހަކަތަކަށް އުނި އިތުރު ގެނެސްގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"...މިކަން ހިނގާދިޔަ ގޮތަށް ބަލާއިރު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސްކުރަން،" ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލުން ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނުގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު އަވަސްކުރަން ޖެހޭ ޒަރޫރަތެއް ނެތްއިރު، އަދި ކޮވިޑް 19ގެ ހާލަތު ގޯސްވަމުންދާތީ ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ބަޔާނުގައި ސޮއިކުރުން ފަސްކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދުނު ނަމަވެސް ފުލުހުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.