އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލްއަށް މޮޅުވާން ހައްގު ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ މިހެން ބުނީ, ރޭ ނިއުކާސަލް އަތުން 1-0 އިން ބަލިވި މެޗަށް ފަހު ދިން ބަސްދީގަތުމުގައެވެ. މި ބަސްދީގަތުމުގައި ވާހަކަދައްކަމުން އާޓެޓާ ވަނީ އާސެނަލްގެ ފަރާތުން ފެނިގެންދިޔަ އާދައިގެ ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"މެޗުގެ ފުރަތަމަ ކޮޅުގައި ނިއުކާސަލްއިން ޖެހި ލަނޑަށްފަހު މުޅި މެޗުގެ ކުޅުން އެއްކޮށް ބަދަލުވިއިރު ވެސް އަހަރެމެންނަށް އެ ބަދަލުތަކާ އެއް ގޮތަށް ރަނގަޅަށް ނުކުޅެވުނީމަ ހަގީގަތުގަ ވަރަށް ހިތްހަމަނުޖެހޭ. އަހަރެމެންނަށް މިއަދު ހައްގީ ބަލިވުން." މެޗަށްފަހު ވާހަކަދައްކަމުން އާޓެޓާ ބުންޏެވެ.

ރޭގައި މެޗުގެ ފުރަތަމަ 12 މިނެޓު ތެރޭ ނިއުކާސަލްގެ އަލެކްސަންޑަރ އިސަކް ކާމިޔާބު ކުރި ލަނޑުން 1-0 އިން ބަލިވުމާއެކު އާސެނަލްއަށް ވަނީ ތާވަލުގެ ގަދަ 3 ގައި ހިފަހައްޓާލުމުގެ ފުރުސަތު ގެއްލިފައެވެ.

މި ލިބުނު ނާކާމިޔާބީ އަނބުރާލުމުގެ އުއްމީދުގައި އާސެނަލްއިން ދެން ނިކުންނާނީ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާންއާ ދެކޮޅަށެވެ. ދެ ޓީމުގެ މެދުގައި ކުޅޭ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 7 ނޮވެންބަރު ވާ ބުރާސްފަތި ދުވަހު ދަންވަރު 1:00 ގައެވެ.