ފުދައިލް އިބްން އިޔާދްއަކީ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ 200 އެއްހާ އަހަރު ފަހުން, މީލާދީ ގޮތުން 726 ވަނަ އަހަރު އުޒުބެކިސްތާންގައި އުފަންވި ބޭފުޅެކެވެ.

ފުދައިލްއަކީ އިސްލާމްދީނުގައި އެންމެ ނަން މަޝްހޫރު އަދި އިލްމުގެ ގޮތުން އެންމެ ފުންނާބު އުސް އެއް ފަރާތެވެ. ނަމަވެސް ފުދައިލްއަކީ އޭނާގެ ޒުވާން އުމުރުގައި މަގު ފޭރެން އުޅުނު މީހެކެވެ. މަގު ފޭރޭ މީހަކުން, މާތްﷲ ގެ މަތިވެރި އިސްލާމްދީނުގެ ވަރުގަދަ ޝަހްސިއްޔަތަކަށް ފުދައިލް ބަދަލުވީ ކިހިނެއް ހެއްޔެވެ؟

ފުދައިލް އޭނާގެ ޖާހިލިއްޔަތުގެ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތަކީ އަބޫ ވަރްދް އަދި ސަރަހަސް ނަމަކަށް ކިޔުނު ދެ އަވަށެއްގެ މެދުގައި އޮންނަ މަގުން ދަތުރުކުރަމުން އައި ފަރާތްތައް ފޭރުމެވެ. އެ ގޮތުން އޭނާ ދަންވަރުގެ ހިމޭން ވަގުތުގައި އެ މަގުން ބަޔަކު އާދޭތޯ އެތައް ވަގުތެއް ހޭދަކުރެއެވެ.

މި ޖާހިލިއްޔަ ކަންމަތީ ފުދައިލް ހުއްޓާ, އަބޫ ވަރްދް އަދި ސަރަހަސްގެ ދެމެދުގައި އޮތް ކުޑަ އަވަށެއްގައި ދިރިއުޅެމުންއައި އަންހެން ކުއްޖަކަށް ފުދައިލް ހިތް ކިޔައިފިއެވެ. ފުދައިލްގެ ހިތުގައި މި ކުއްޖާއަށް ދެވުނު ލޯބީގެ ބޮޑުކަމުން ކެތް ނުވެގެން އެއް ރެޔަކު އެ އަންހެން ކުއްޖާގެ ފާރުމަތިން އެ ގެޔަން ވަނުމަށް ފުދައިލް ދިޔައެވެ.

އެ ކުއްޖާގެ ގޭގެ ފާރުމަތިން އަރަނިކޮށް ފުދައިލްއަށް މީހަކު ކީރިތި ގުރުއާނުގެ އާޔަތެއް ކިޔަވަނިކޮށް އިވުނެވެ.

އެ އާޔަތަކީ: (أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌۭ مِّنْهُمْ فَـٰسِقُونَ)

މި އާޔަތަކީ މާތްﷲ އަށް ކުއްތަންވުމާ ބެހޭ ގޮތުން ވަހީ ކުރައްވާފައިވާ އާޔަތަކަށްވާތީ މި އާޔަތުގެ މޫރިތި ކަލިމަތައް އިވުމާއެކު ފުދައިލްގެ ހިތަށް އަސަރުކުރިއެވެ. އަދި ކުރެވެމުން އައި ވިޔާނުދާ އަމަލާ މެދު ހިތާމަކޮށް އެ އަންހެން ކުއްޖާގެ ގެޔާ ދުރަށް ގޮސް, މަގު މަތިން ދިޔަ ގާފިލާއަކުން ހިޔާވަހިކަން ހޯދިއެވެ.

އެ ގާފިލާގައި އިން ވަގުތު ފުދައިލްއަށް އެ ގާފިލާގެ ވެރިން ވާހަކަދައްކާ އަޑު އިވުނެވެ. އެ މީހުން މަޝްވަރާ ކުރަމުން ދިޔައީ ގާފިލާތަށް ފޭރެމުންދާ ފުދައިލްއެއްގެ ކިބައިން އެ ގާފިލާ ސަލާމަތްކުރާނެ ގޮތަކާ މެދުގައެވެ. އެ ވަގުތު ފުދައިލްއަށް, އޭނާ ހިންގަމުން އައި ޖަރީމާތަކުން މީހުންނަށް ލިބެމުން އައި ގެއްލުންތަކާއި އަމިއްލަ ނަފްސަށް ލިބެމުންދާ އަޒާބުގެ މަތިން ވިސްނިގެންދިޔައެވެ.

އެ ދަނޑިވަޅުގައި ފުދައިލް އަޒުމު ކަނޑައެޅީ އޭނާގެ ވިޔާނުދާ އަމަލުތައް ދޫކޮށްލުމަށްފަހު, މާތްﷲ ގެ މަގަށް ރުޖޫއަވުމަށެވެ.

އޭގެ ފަހުން ފުދައިލް ވަނީ މަގު ފޭރެމުގެ ދުވަސްތައް މާޒީކޮށް, އިސްލާމްދީނުގެ އިލްމު އުނގެނި, ތާރީހު ދުށް އެންމެ ގާބިލު އެއް އިލްމުވެރިޔާއަށް ވެފައެވެ.

***************************

ފުދައިލްގެ ވާހަކައިން އަހަރެމެންނަށް ލިބިގެންދާ އިބުރަތަކީ, ކިތަންމެ ގިނަ ނުބައި އަމަލުތަކެއް ކުރެވިފައި ހުރިކަމުގައިވިއަސް މާތްﷲ ގެ ކިބައިން ފާފަފުއްސެވުން އެދި, ހައްގު މަގަށް ރުޖޫއަވުމަކުގެ މަގު އަބަދު ވެސް ހުޅުވިފައި އޮންނަ ކަމެވެ. އަދި ނުބައި އަމަލުތައް ކުރެވުނު ކަމުގައިވިއަސް މާތްﷲ ގެ ރަހްމާންވަންތަަކަން މަތިން ހަނދާން ނައްތާނުލައި, އެ ކަނލާގެ ހަޟްރަތަށް ރުޖޫއަވާން ޖެހޭ ކަމެވެ.