ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ގައުމީ ދިފާއީ ބާރު (އެމް.އެން.ޑީ.އެފް) އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު އޮތް، މި ހަރަކާތް ހުށަހެޅުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިގްބާލު ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ގައުމީ ދިފާއީ ބާރުން ކުރިއަށް ގެންދިޔަ ހާއްސަ އަސްކަރީ ހުށަހެޅުންތަކުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑަރ ވޯޓަރ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ހަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދިނެވެ. މީގެ އިތުރުން، އެއަރ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ ޢަސްކަރީ އަދި ހެވިކަމުގެ ޙަރަކާތްތައް ވެސް އޮތެވެ.

އަސްކަރީ ހަރަކާތްތައް ނިންމާލާފައި ވަނީ، މިލިޓަރީ ބޭންޑްގެ ފަރާތުން ހުށަހަޅައިދިން ލަވަޔަކުންނެވެ. އެއަށްފަހު، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ބެރޭ ހަވާލުކޮށްދެއްވުން އޮތެވެ. ދަސްވެނިންނަށް ބެރޭ ހަވާލުކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްތާތުގަައި، ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުންވެސް އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާޒުއެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ މި ހަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވިއެވެ. ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުގައި، ދިފާއީ ވަޒީރާއި ދިވެހި އަސްކަރިއްޔާގެ އިސް އޮފިސަރުން މި ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.