އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ 1-1 އިން އެއްވަރުވި މެޗުގައި ލިސަންޑްރޯ މާޓިނޭޒް, ކޯލް ޕާމާއަށް ކުރި ފައުލަށް ރަތް ކާޑު ދައްކަން ޖެހޭނެ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ރޭ ކުޅެވިގެންދިޔަ ފޯރިގަދަ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ޔުނައިޓެޑުގެ ޑިފެންޑަރު މާޓިނޭޒް ވަނީ ޗެލްސީގެ ޕާމާއަށް ނުރައްކާތެރި ފައުލެއް ކޮށްފައެވެ. ވީއޭއާރު ބެލުމަށްފަހު މެޗުގެ ރެފްރީ މާޓިނޭޒްއަށް ރަތް ކާޑު ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދެއްކުމަށް ނިންމި ނިންމުމަށް މަރެސްކާ ވަނީ ފާޑުކިޔާފައެވެ.

"އެ ފައުލުގެ ރީޕްލޭ ބަލާއިރު ވަރަށް ސާފު މާޓިނޭޒްއަށް ރަތް ކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއްކަން އެއީ. މާޓިނޭޒް އެ ފައުލު ކުރީ ޕާމާ އަތުން ބޯޅަ ހޯދުމުގެ ނިޔަތް އޮވެގެނެއް ވެސް ނޫން. ގަވާއިދުގައި ބުނާ ގޮތުން ނަމަ އެ ހާލަތުގައި ކުޅުންތެރިޔާއަށް ރަތް ކާޑު ދައްކަން ޖެހޭނެ" ރެފްރީ, މާޓިނޭޒްއަށް ރަތް ކާޑު ނުދެއްކުމުން އެކަމާ ފާޑުކިޔަމުން މަރެސްކާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ވަނީ މި ފައުލުގެ ސަބަބުން ޕާމާއަށް ކުރިމަތިވި އިންޖަރީ, ގަނޑުފެން ޖައްސައިގެން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ. ޕާމާއަކީ, ޗެލްސީއަށް މި ވަގުތު އެންމެ މުހިއްމު ކުޅުންތެރިޔާކަމަށް ވާތީ އޭނާއަށް ސީރިއަސް އިންޖަރީއެއް ކުރިމަތިވެއްޖެނަމަ ނަތީޖާ ނެރުމަށް ޗެލްސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެގެން ދާނެއެވެ.