ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް މަނިޔަފުށީގައި ފައްޓައިފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި ކަން ހާމަކުރައްވާފައިވަނީ އެކްސްގައި މިއަދު ހެނދުނު ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ވުޒާރާއިގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މި މެރިކަލްޗަރ ކޯހަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ތަރައްގީކުރުމަށް ޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމަށް މަސްވެރި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ކޯހެއް ކަމަށެވެ.
މީގެއިތުރުން މި ކޯހުގައި ދަސްކޮށްދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗަރ ކުރުމަކީ ކޮބައިކަމާއި އާންމުކޮށް އެކުއަކަލްޗަރގައި ބޭނުން ކުރާ ނިޒާމްތަކާއި އެނިޒާމްތައް މަސައްކަތް ކުރާ ގޮތްތަކާއި އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ތަފާތު ބާއްވަތަކުގެ ކާނާއާއި ދިރޭކާނާ އާލާކޮށް ގެންގުޅެން ހިމެނޭ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އަދި އެ ވުޒާރާއިން ވިދާޅުވީ ފާނައާއި ހުއިފިލަނޑާއާއި މާގަނޑުމަހާއި އިތާމުތް އާލާކުރުމުގެ އެކިއެކި މަރުހަލާތަކާއި އެ ބާވަތްތައް އާލާކުރަންވެސް ދަސްކޮށްދޭނެ ކަމަށެެވެ.