"ގައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމަވާފައި ވަނީ ނޮވެމްބަރ 4، 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

ދިވެހިރާއްޖޭގައި ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރެއްވި މަޝްވަރާތަކުގެ އަލީގައި، "ގައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގްސަދުގައެވެ.

އަދި ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ގާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި، ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ކުރެއްވުމަށްވެސް ހޯމަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.