ފުވައްމުލަކު ސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އިން އެޅި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.