ޔުއެޗާ ޗެމްޕިއަންސް ލީގުގައި ޔޫރަޕުގެ ވަރުގަދަ ދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ރޭ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވީ ކުރީގެ ގަދަބާރު އިޓަލީގެ އޭސީ މިލާން އަތުން 3-1 އިންނެވެ. ރެއާލްގެ ދަނޑު، ސެންތިއާގޯ ބަރްނަބާއޫގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް މިލާނުންނެވެ. 12 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ޑިފެންޑަރު މާލިކް ތިއޯއެވެ. އެކަމަކު 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިނީޝިއަސް ރެއާލްއަށް އެއްވަރުކޮށްދީ މެޗުގެ ތެރެއަށް އަލުން ރެއާލް ގެނެސްދިނެވެ.

މިލާނުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ، 39 ވަނަ މިނެޓުގައި ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް އަލްވާރޯ މޮރާއްޓާ އާއި ހޮލެންޑުގެ މިޑްފީލްޑަރު ޓިއްޖާނީ މާޓިނަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިއީ 2009 ގެ ފަހުން، އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 2 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ލީގުގައި މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން އަމިއްލަ ދަނޑުގައި ވާދަވެރި ބާސެލޯނާ އަތުން 4-0 އިން ރެއާލް ވަނީ ބަލިވެފައެވެ. 2009 ގައި، ޖެހިޖެހިގެން 2 މެޗުން ރެއާލް ބަލިވީ ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 6-2 ގެ ބޮޑު ތަފާތަކުން ބަލިވުމަށްފަހުކަން ފާހަގަ ކޮށްލެވެއެވެ.

މަޝްހޫރު މެންޗެސްޓަރ ސިޓީ ބަލިވީ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން އަތުން 4-1 ގެ ބޮޑު ތަފާތަކުންނެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ ސްޕޯޓިންގެ ކޯޗަކީ ރުބެން އަމޮރިމް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ސިޓީއާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުންނެވެ.

ސްޕޯޓިންއާ ދެކޮޅަށް ސިޓީ ނިކުތީ އާންމުކޮށް ފުރަަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުހިމަނައެވެ. މިމެޗުގައި ސްޕޯޓިންގެ ތަރިޔަކަށްވީ 3 ލަނޑު ޖަހައި ހެޓްރިކް ހެދި ސްވިޑަންގެ ފޯވާޑް ވިކްޓަރ އެއިނާއެވެ. އަނެއް ލަނޑު ޖެހީ މެކްސިމިލާނޯ އަރައުހޯއެވެ. ސިޓީއަށް ސުން ކަނޑުވާލަ ދިނީ ފިލް ފޯޑަންއެވެ.

ޗެމްޕިއަންސް ލީގް މިފަހަރު ލީގް އުސޫލުން 36 ކްލަބުގެ މެދުގައި ކުރިއަށް ގެންދާއިރު، 7 ޕޮއިންޓާއެކު ސިޓީ އޮތީ 6 ވަނައިގައެވެ. ރެއާލް 17 ވަނައިގައި އޮތީ 6 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 12 ޕޮއިންޓާއެކުއެވެ.