ޗެމްޕިއަންސް ލީގުގައި ރޭގައި އޭސީ މިލާން އަތުން 3-1 އިން ބަލިވުމުން އެކަމާ ހާސްވާން ޖެހޭ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު, ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ރެއާލް, އޭސީ މިލާން އަތްދަށުވި މެޗަށްފަހު ވާހަކަދައްކަމުން އެންޗެލޯޓީ ވަނީ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ޓީމުގެ މިސްރާބު ހުރި ގޮތާ މެދު ހާސްވާން ޖެހޭ ކަމަށް އެއްބަސްވެފައެވެ.

"ޓީމަށް ރަނގަޅަށް ނުކުޅެވޭތީ ހާސްވާން ޖެހޭ. އަހަރެމެން އެބަ ޖެހޭ އަނެއް ޓީމަށް އެހާ ފަސޭހައިން ގޯލު ޖަހަން ފުރުސަތު ނުދޭން މަސައްކަތް ކުރަން. މި ދިޔަ ތިން މެޗުގައި އަހަރެމެން ކޮޅަށް ނުވަ ލަނޑު ވަދެއްޖެ. ހަރުދަނާކަމަށް އަމާޒުކޮށްގެން ބިނާކޮށްފަ އޮތް ޓީމެއް ކޮޅަށް މިހާ ގިނައިން ގޯލު ވަދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ރޭގެ ނާކާމިޔާބީއަށްފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުންޏެވެ.

ރޭ އޭސީ މިލާން އަތުން ބަލިވުމާއެކު ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ, ތާވަލުގެ 17 ވަނައަށް ވެއްޓިފައެވެ. އޭގެ އިތުރުން ރެއާލު ވަނީ ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާ އަތުން 4-0 އިން ބަލިވެ ދެ ޓީމުގެ މެދުގައި އޮތް ފަރަގު ކުޑަނުކުރެވޭ ގޮތްވެފައެވެ.

ރެއާލަކީ ފުޓުބޯޅައިގެ ގަދަ ބާރެއްކަމުގައިވިއަސް އެންމެ 'ކެތްތެރިކަން ކުޑަ' ސަޕޯޓަރުން ހުންނަ އެއް ކްލަބު ކަމަށްވާތީ, ޓީމުގެ ނަތީޖާތައް ރަނގަޅުކޮށް, ކުރިން އޮތް ވަރުގަދަ ފޯމަށް އެޅުވުމަށް އެންޗެލޯޓީގެ ބޮލުގައި އެޅިފައިވާ ޒިންމާ ދުވަހުން ދުވަހަކަށް އަންނަނީ ބުރަވަމުންނެވެ.